ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމާމެދު ހިޔާލު ތަފާތު

އާބާދީ މަދު މ. ރަތްމަންދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމާމެދު ހިޔާލު ތަފާތުވެއްޖެއެވެ. މިކަން ބޮޑަށް ފާހަގަވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ރަތްމަންދޫއަށް ވަޑައިގަތުމުންނެވެ. ރަށުގެ ބައެއް ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް އެދިފައިވާއިރު، އަނެއްބައި މީހުން ބޭނުންވަނީ ރަށުގައި މަޑުކުރުމަށެވެ.
މިކަމަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާ ނުލައި އެއްވެސް ރަށެއްގެ މީހުން އެހެން ރަށަކަށް ބަދަލުނުކުރައްވާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމަކީ ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނަމަވެސް، އެކަން ކުރާނީ ރަށުގެ އާބާދީގެ އެންމެ މަދުވެގެން 80 އިންސައްތަ ރައްޔިތުން އެދޭ ގޮތަށް ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ނިންމައިފިނަމަ، ބަދަލުވާ ރަށެއްގައި މިހާރު ރަތްމަންދޫގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަ ހައުސިން މަޝްރޫޢެއް ކުރިއަށް ގެންގޮސްދެވިދާނެ ކަމަށެވެ.

