2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރާނަން – ރައީސް ނަޝީދު
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، މިހާރު ކުލަބް ހައުސް މެދުވެރިކޮށް ކުރިއަށްދާ “އާސްކްސްޕީކަރ” ގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް ވިދާޅުވެ، ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ބޮޑަށް މަސައްކަތްކުރަމުން މިހާރު މިދަނީ، ރިޔާސީ އިންތިޚާބު ނުބާއްވާ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކަމަށެވެ.
އެގޮތުން އަންނަ އަހަރު، ބަރުލަމާނީ ނިޒާމަށް ފެންނަ، ނުފެންނަ ވޯޓެއް ނެގުމަށްވެސް މަސައްކަތްކުރައްވަމުންދާ ކަމަށާއި ބޮޑު ވަޒީރަކު ހުރެގެން ކަންކަމުގެ ދުވެލިވެސް މާބާރު ސްޕީޑުގައި ކުރިއަށްދާނެކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
އަޅުގަނޑުދެކޭ ގޮތުގައި ބަރުލަމާނީ ނިޒާމަކަށް އިދިކޮޅު ޕާޓީތަކުންވެސް ތާޢީދުކުރައްވާނެކަމަށާއި ޚުދު ރައީސް ޔާމީނުވެސް އެކަމަށް ތާޢީދުކުރައްވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ބޮޑުވަޒީރަކީ ކާކުތޯ ނިންމަވާނީ ރައްޔިތުންގެ މަޖިލީހުންކަމަށާއި ބޮޑުވަޒީރުގެ ނަމުގެ ލިސްޓަށް އަޅުގަނޑުގެ ނަންވެސް ހިމަނާނެކަމަށްވެސް ސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.


