މިހާލަތުން އަރައިގަތުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަށް މިތިބީ ތައްޔާރަށް – ވިޔަފާރިވެރިންގެ ޖަމިއްޔާ
ބިޒްނަސްތަކަށް ކޮވިޑް ރިކަވަރީ ޕްލޭނެއް އެކުލަވާލާ، ކޮވިޑްގެ މިހާލަތުގައި ލިބުނު ގެއްލުންތަކުން ވީހާވެސް އަވަހަށް އަރައިގަންނަން، ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ތިބިކަމަށް ވިޔަފާރިވެރިންގެ ޖަމުޢިއްޔާއިން ހާމަކޮށްފިއެވެ.
ވިޔަފާރިވެރިންގެ ޖަމުޢިއްޔާއިން މިކަން ހާމަކޮށްފައިވަނީ އެޖަމުޢިއްޔާގެ އާ ބޯޑު ތަޢާރަފްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ އާ ބޯޑަށް ބަލާލާއިރު، އެ ޖަމިއްޔާގެ ރައީސްއަކަށް ހޮވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކުގެ ދަރިކަލުން މުދުރިކަތު މޫސާއެވެ. އަދި ނައިބް ރައީސްއަކަށް ހޮވާފައިވަނީ އާޝިއާ އަޒީމާއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ ރައީސް މުދުރިކަތު މޫސާ ވިދާޅުވީ ވިޔަފާރިތަކަށް މިހާރު ކުރިމަތިވެފައިވާ ދަތި ހާލަތުގައި، ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަށް ބޭނުންވާ ކަމަށާއި، ވިޔަފާރިތަކަށް ‘ކޯވިޑް ރިކަވަރީ ޕްލޭން’ އެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް އެޖަމިއްޔާއިން ބޭނުންވާ ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ ނައިބް ރައިސް އާޝިޔާ އަޒީމާ ވިދާޅުވީ، އަންހެން ވިޔަފާރިވެރިން ކުރިއަރުވާ އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށް ޙާއްސަ މަސައްކަތްތަކެއް ކުރާނެކަމަށެވެ.
“ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްކުރާނަން، އަންހެނުން ކުރިއެރުވުމަށް، އާ ބޯޑުގެ 40 އިންސައްތަ އަކީ އަންހެނުން، ވިޔަފާރީގެ ދާއިރާގައި އަންހެނުނަށް ހުރި ދަތިތަށް ހައްލު ހޯދުމަށް މަސައްކަތްކުރާން،” އާޝިޔާ ވިދާޅުވިއެވެ.
ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ ހިންގާ ކޮމެޓީއަށް މެމްބަރުން އައްޔަން ކުރަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. މީގެކުރިން އެ ޖަމިއްޔާގެ ރައީސްއަކަށް ހުންނެވީ އިސްމާއިލް ނޫރައްދީންއެވެ.


