ދީން

އެކި މީހުން ކުރިމަތިލާން ޖެހެނީ އެކި އިމްތިޙާނުތަކާއެވެ. (ތިންވަނަބައި)

މުޞީބާތްތަކާއި އިމްތިޙާނުތަކުގައި އެތަކެއް ފައިދާތަކެއް ވެއެވެ. އެއީ ތިމާއަށާއި ތިމާގެ އަނބިދަރިންނަށާއި މައިންބަފައިންނަށާއި އާއިލާ މީހުންނަށާއި ރައްޓެހިންނަށްވެސް ލިބިގެންދާނެ ފައިދާތަކެކެވެ. އެ ފައިދާތައް މީސްތަކުންގެ ދަރަޖައާއި ގުޅިގެން ތަފާތުވެގެންވެއެވެ.

މި ލިޔުމުގައި ދެން މި ބަޔާން ކުރަނީ މުޞީބާތްތަކާއި އިމްތިޙާނުތަކުގައިވާ ބައެއް “މުހިންމު” ފައިދާތަކެވެ.

  • އަޅުތަކުންގެ ނިކަމެތިކަމާއި އެބައިމީހުންގެ ރައްބަށް ޙާޖަތް ޖެހިފައިވާ މިންވަރު އެނގުން.

ﷲ ސުބުޙާނަހޫ ވަތަޢާލާ ބަޤަރާ ސޫރަތުގެ 156 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ‎﴿١٥٦﴾‏

މާނައީ ” އެއުރެންނީ އެއުރެންނަށް مصيبة އެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ حضرة އަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. “

މުޞީބާތެއް ނުވަތަ އިމްތިޙާނެއް ކުރިމަތިވުމުން އެބައިމީހުން ﷲ ތަޢާލާގެ އަޅުންތަކެއްކަމަށް އިޢުތިރާފުވެއެވެ. އަދި ﷲ ތަޢާލާގެ ޤަޟާޤަދަރަށް ރުޖޫޢަވެ ހިތުގެ އަޑިން ޤަބޫލުކުރެއެވެ. އެ އިލާހު ތަޢާލާގެ އިރާދަފުޅުން ނުފިލޭނެކަމަށް ޤަބޫލުކުރެއެވެ.

  • ﷲ ތަޢާލާއަށް އިޚްލާޞްތެރިވުން

ދެވަނަކަމަކަށް ﷲ ތަޢާލާއަށް އިޚްލާޞްތެރިވެވިގެންދެއެވެ. އެހެނީ، ﷲ ތަޢާލާ ފިޔަވައި މުޞީބާތްތަކުން ސަލާމަތްކޮށްދެވޭނެ ފަރާތެއް ނުވެއެވެ. އަދި އެފަދަ ކަންތައް ފިއްލެވުމަށްޓަކައި ބަރޯސާވާނެ އެހެން ފަރާތެއް ނުވެއެވެ. އަންނަނިވި އާޔަތުންވެސް އެކަން ދޭހަވެގެންދެއެވެ. ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ އަންޢާމު ސޫރަތުގެ 17 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. وَإِن يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ މާނައީ ” އަދި اللَّه، ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ.”

އަދިވެސް ސޫރަތުލް ޢަންކަބޫތުގެ 65 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ މާނައީ ” ފަހެ، އެއުރެން ނަވަށް އެރިހިނދު، އެކަލާނގެއަށް إيمان ކަން خالص ކުރާ حال ގައި، اللَّه އަށް އެއުރެން دعاء ކުރެތެވެ. “

  • ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަގަށް ރުޖޫޢަވެ ހެޔޮޢަމަލުތައް ތިބާއަށް ކުރެވުން

މިއީ ލިބިގެންދާ ވަރަށް މުހިންމު ފައިދާއެކެވެ. ﷲ ތަޢާލާ ޒުމަރު ސޫރަތުގެ 8 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. وَإِذَا مَسَّ الْإِنسَانَ ضُرٌّ دَعَا رَبَّهُ مُنِيبًا إِلَيْهِ މާނައީ ” އިންސާނާއަށް އުނދަގުލެއްޖެހޭހިނދު (އެކަމެއް ފިއްލަވާތޯ) އޭނާގެ ވެރިރަސްކަލާނގެ حضرة އަށް رجوع ވެ دعاء ކުރެތެވެ. “

  • ޚުޝޫޢަތްތެރިކަމާއެކު ދުޢާކުރެވެން ފެށެއެވެ.

ﷲ ތަޢާލާ އަންޢާމު ސޫރަތުގެ 63 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. قُلْ مَن يُنَجِّيكُم مِّن ظُلُمَاتِ الْبَرِّ وَالْبَحْرِ تَدْعُونَهُ تَضَرُّعًا وَخُفْيَةً މާނައީ ” ކަލޭގެފާނު ވިދާޅުވާށެވެ! އެއްގަމާއި، ކަނޑުގެ އަނދިރިތަކުގެ ތެރެއިން (އެބަހީ: އެއްގަމާއި، ކަނޑުގެ ބިރުވެރިކަމުގެ ތެރެއިން) ތިޔަބައިމީހުން މިންޖުކުރާނީ ކާކުހެއްޔެވެ؟ މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުން އެކަލާނގެއަށް دعاء ކޮށް ދަންނަވަމުއެވެ.

(ނުނިމޭ)

މި ލިޔުމުގެ އެހެންބައިތައް ކިޔާލުމަށް

މިވެސް ބަލާ
Close