ދީން

އިސްލާމްދީނުގައި ނަމާދު އެޅުމުގެ ޙުކުމަކީ ކޮބާ؟

އިސްލާމްދީނުގައި ނަމާދު އެޅުމުގެ ޙުކުމަކީ ކޮބާ؟

އަރަހުށި ހުސްޠާހިރުވަންތަ މާތްﷲ ވަޙީކުރައްވާފައި ވެއެވެ. ) وَأَقِيمُوا الصَّلاةَ وَلا تَكُونُوا مِنَ الْمُشْرِكِين([1][1]  މާނައީ: ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ! އަދި ތިޔަބައިމީހުން މުޝްރިކުން ކަމުގައި ނުވާށެވެ!

ލޮބުވެތި رَسُولُ اللَّهِ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. )بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكُ الصَّلاَةِ([1][2] (މީހާއާއި ކުފުރާ ނުވަތަ ޝިރުކާ ދެމެދު ހުރި އިންފާރަކީ ނަމާދު އަޅައިފުމެވެ. މިއެވެ.

ގުޅުންހުރި ލިޔުންތައް

رَسُولُ اللَّهِ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. )  الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمْ الصَّلاَةُ فَمَنْ تَرَكَهَا فَقَدْ كَفَرَ( [3] މާނައީ: ތިމަންމެނާއި ޣައިރުމުސްލިމުންނާ ދެމެދު ވަކިކޮށްދޭން އޮންނަ ޢަހްދަކީ ނަމާދެވެ. ފަހެ ނަމާދު އަޅައިފިމީހާ ކުފުރުވެރި ވެއްޖެކަން ކަށަވަރެވެ. މިއެވެ.

ނަމާދަކީ އިސްލާމްދީނުގައި ފަރްޟުކުރެވުނު އެންމެ ފުރަތަމަ އަޅުކަމެވެ. ފަސްނަމާދު ވާޖިބު ކުރަށްވާފައިވަނީ އިސްރާއާއި މިޢުރާޖުގެ ރޭގައެވެ. ނަމާދު އަޅާމީހާއަކީ ކީރިތި ޤުރްއާނާއި މާތްރަސޫލާގެ ޙަދީޘާއި އުއްމަތުގެ ދަންނަބޭކަލުންގެ އިޖްމާޢާއި ކަނޑައެޅިގެން ޚިލާފުވާ މީހެކެވެ.

އަލްޙާފިޡު އަލްމުންޛަރީ ވިދާޅުވެފައި ވެއެވެ. [4] އަޞްޙާބު ބޭކަލުންގެ ތެރެއިންނާއި އެބޭކަލުންގެ ފަހުގެ ދަންނަބޭކަލުންގެ ތެރެއިން ބޮޑު ޖާމަޢަތެއްގެ ބޭކަލުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ނަމާދުގެ ވަގުތު ފާއިތުވަންދެން ދަނެގެން އެނަމާދުނުކޮށް ހުރެއްޖެ މީހާއަކީ ކާފިރެކެވެ.

ނަމަވެސް ދީނުގެ ގިނަ ދަންނަބެއިކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ނަމާދާ އިންކާރުކުރުމެއްނެތި، ނަމާދު ނުކުރާ މީހާއަކީ، ކަނޑައެޅިގެން ހުރި ކާފިރެއް ނޫންކަން މިތާނގައި ފާހަގަކޮށްލަމެވެ. އިމާމު އަބޫޙަނީފާއާއި އިމާމު މާލިކާއި އިމާމު ޝާފިޢީގެ މަޛްހަބަކީ ވެސް މިއީއެވެ. މިބޭކަލުން ވިދާޅުވަނީ އޭނާއަކީ ކާފަރެއް ނޫންކަމަށާއި ކުފުރުގެ ހައްދަށް ވާސިލުވެފައިވާ ފާސިޤެއްކަމަށެވެ. އަދި މާލިކާއި ޝާފިޢީ ވިދާޅުވަނީ މިޙާލަތުގައި އޭނާއަށް ވިސްނައިދީ، އެއަށްފަހު ނަމާދުނުކުރަނީނަމަ ޙައްދެއްގެ ގޮތުގައި އޭނާ ޤަތުލުކުރަންޖެހޭނެ ކަމަށެވެ.

މަތީގައި ބަޔާންވެދިޔައީ ހަމައެކަނި ކަންނެތް ކަމާއެކު ނަމާދު އަޅާމީހާއާ މެދު އޮތް ޙުކުމެވެ. މިގޮތުން ނަމާދު ނުކުރާމީހާއަކީ ކަނޑައެޅިގެން ހުރި ކާފަރެއްކަމުގައި ދަންނަބޭކަލުން އެއްބަސްވެ ވަޑައިނުގަތްކަމުގައި ވިއަސް ނަމާދަކީ ފަރުޟެއް ނޫންކަމާއި އިސްލާމްދީނުގެ އަޅުކަމެއްނޫން ކަމުގައި ބުނެފި ކޮންމެ މީހަކީ ނުވަތަ އެގޮތަށް ދެކެފި ކޮންމެ މީހަކީ ކަނޑައެޅިގެން ހުރި ކާފިރެއްކަމާމެދު ދަންނަބޭކަލުންގެ އިޖްމާޢުން ސާބިތުވެފައި ވެއެވެ. އަދި މިފަދަ މީހަކު މަރުވެއްޖެނަމަ އޭނާއަކަށް ހިނެވުމެއް، ނަމާދުކުރުމެއް ނެތެވެ. މުސްލިމުންގެ ޤަބުރުސްތާނެއްގައި ވަޅުލުމެއް ވެސް ނެތެވެ. އޭނާއަކަށް ވާރުތަ މުދާ ލިބުމެއް ނުވެއެވެ. އަދި އޭނާގެ ކިބައިން ވާރުތައެއްވެސް ނުލިބޭނޭ މެއެވެ. އޭނާގެ ޙުކުމަކީ މުރުތައްދުވެއްޖެ މީހާގެ ޙުކުމެވެ.[1][5]

ނަމާދު އަޅައި ޝަހުވަތްތަކަށް ތަބާވާމީހުން ނަރަކައިގެ އަލްޣައްޔު އޭ ކިޔުނު ވާދީ އަށް ވަންނާނެކަން ﷲ ތަޢާލާ  ވަނީ ޚަބަރުދެއްވާފައެވެ. އަދިވެސް، ފަރުޟު ފަސްނަމާދު ބަރާބަރަށް އަދާނުކުރާމީޙުންނަށް ( ބައެއް ނަމާދުތައް ދޫކޮށްފައި، ނަމާދު ކުރި ނަމަވެސް ﷲ ތަޢާލާގެ ޒިކުރުން ޣާފިލުވެ ނަމާދުކުރާ މީހުންނަށް ) ހުރި ނުބައި ޖަޒާގެ ވާހަކަ ބަޔާންކުރައްވައި އެއިލާހު ވަޙީކުރައްވާފައި ވެއެވެ. ((فَوَيْلٌ لِّلْمُصَلِّينَ ﴿٤﴾ الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ﴿٥﴾ – سورة الماعون )) މާނަ: (( ފަހެ ނަމާދުކުރާމީހުންނަށް ގަދަފަދަ ޢަޒާބު ހުއްޓެވެ. އެމީހުންނަކީ ނަމާދު ތަކާމެދު ޣާފިލުވެ، ނަމާދުތައް ވަޤުތުން ލަސްކޮށް ހަދާމީހުންނެވެ. ))

ﷲ ތަޢާލާ އަންގަވާފައިވަނީ، ރެއަކާއި ދުވާލު ފަރުޟު ފަސްނަމާދު ކަނޑައެޅިފައިވާ ވަޤުތުތަކެއްގައި އަދާކުރުމަށެވެ. އެއްވެސް ޙާލެއްގައި އެއްނަމާދު އަދާކޮށްފައި، އަނެއް ނަމާދު ދޫކޮށްފައި، މިފަދައިން ނަމާދުކުރާކަށް ނޫނެވެ. ހަޤީޤަތުގައި ނަމާދު ކުރާމީހަކަށް ވާނީ ފަރުޟު ފަސްނަމާދަށް ރައްކާތެރި ވާނަމައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((إِلَّا الْمُصَلِّينَ ﴿٢٢﴾ الَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَائِمُونَ ﴿٢٣﴾ – سورة المعارج )) މާނަ: (( ނަމާދުކުރާމީހުން ފިޔަވައެވެ. އެބައިމީހުންނަކީ އެބައިމީހުންގެ ނަމާދުތައް އަދާކުރުމުގައި ދެމިތިބޭމީހުންނެވެ. ))

އަދި ހަމަ އެއާއި އެކު ނަމާދު ލަސްކުރުމާއި ނަމާދުގައި ކަންނެތް ވުމަކީ މުނާފިޤުންގެ ސިފައެއްވެސް މެކެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. “…وَإِذَا قَامُواْ إِلَى الصَّلاَةِ قَامُواْ كُسَالَى يُرَاؤُونَ النَّاسَ وَلاَ يَذْكُرُونَ اللّهَ إِلاَّ قَلِيلاً” (سورة النساء: 142) “އަދި މުނާފިޤުން ނަމާދަށް ތެދުވެއްޖެނަމަ ތެދުވަނީ ކަންނެތްކަމާއިއެކީ އަދި މީސްތަކުންނަށް ދެއްކުމަށެވެ. އެހެނެއްކަމަކު ވަރަށް މަދުން މެނުވީ އެމީހުން ﷲ މަތިން ހަނދުމައެއް ނުކުރެތެވެ.”

[1][1] ސޫރަތުއްރޫމް (31)

[1][2] އަޙްމަދު، ބުޚާރީ ފިޔަވައި ފަސްއިމާމުން، ދާރަމީ

[1][3] އަޙްމަދު، ތިރްމިޛީ، އަބޫދާއޫދު

[1][4] އައްތަރްޣީބު ވައްތަރްހީބު، ފިޤްހުއްސުއްނާ. [1][5] ނަވަވީ (އަލްމަޖްމޫޢު) އިބްނުތައިމިޔާ (އަލްފަތާވާ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close