ޤާނޫނުލް ޢުޤޫބާތަށް އިޞްލާޙުގެނައުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލާއިދެކޮޅަށް ލަންދޫ ކައުންސިލުން ބަޔާނެއް ނެރެފި
ދިވެހިރާއްޖޭގެ ޤާނޫނޫލްޢުޤޫބާތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިޞްލާޙުތަކާއިގުޅޭ ބިލު ފާސްކުރުމަށް ކުރާ މަސައްކަތްތަކާއި ދެކޮޅަށް ނ.ލަންދޫ ކައުންސިލުން ބަޔާނެއް ނެރެފިއެވެ.
ލަންދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ 2021 މެއި 25 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގައި ، ދިވެހި ލޮބުވެތި ރައްޔިތުންގެ ކަންބޮޑުވުންހުރި ގިނަ އިޞްލާޙުތަކެއް ހިމެނިފައިވީހިނދު، އަދި މިބިލަކީ ނަފުރަތުގެ ޢަމަލުތައް ހުއްޓުވުގެ ނަމުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަކަށް ވީނަމަވެސް، އެބިލު ދިރާސާކޮށް ބެލުމުން ބިލުގައި މާތްވެގެންވާ އިސްލާމް ދީނާއި، ދީނުގެ އަޞްލުތަކާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޚިލާފު ގިނަ ކަންތައްތަކެއް ހިމެނިފައިވާކަން މި އެ ކައުންސިލަށްވަނީ ފާހަގަކުރެވިފައި ކަމަށެވެ.
އެގޮތުން މިބިލުގެ ސަބަބުން އިސްލާމީ ޝަރީޢަތުގެ އެންމެ މުހިއްމު އެއް އަސާސްކަމުގައިވާ، ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމުގެ ދޮރު އެކީއެކަށް ބަންދުކުރެވިގެން ދާނެކަމަށް ، ރާއްޖޭގެ ވަރަށް ގިނަ ދީނީ ޢިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންކަން އެބަޔާނުގައި ވެއެވެ.
ދީނީ އެފަދަ މުހިންމު ވާޖިބަކަށް ހުރަސްއެޅޭފަދަ ގޮތަކަށް ޤާނޫނެއް ވުޖޫދުވެގެން އައުމަކީ، އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދުމަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ނ) ން ލާޒިމުކުރާ އުސޫލާ ޚިލާފަށް ކުރެވޭ ޢަމަލެއް ކަމުގައި އެ ކައުންސިލުން ދެކޭ ކަމަށެވެ.
އެ ބިލުގައި ﷲ ސުބުޙާނަހޫ ވަތަޢާލާއަށާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم އަށާއި މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް އިހާނެތިބަސް ބުނުން އެއީ ޤާނޫނުން ބާރު ލިބިގެން ކުރެވޭ ކަމެއްގެ ގޮތުގައި ކަނޑައަޅައި، އަދި ބިލް ތަސްދީޤުކޮށް ޤާނޫނަކަށް ބަދަލުކޮށްފިނަމަ، މި ބިލު ފަރުމާކޮށްފައިވާގޮތުން އިސްލާމް ދީނަށް ފުރައްސާރަކުރާ ފަރާތްތަކަށް އެ ޢަމަލުކުރުމަށް ހިތްވަރުލިބި، ބިލަކީ އެކަންކަން ކުރަން އޮންނަ ޤާނޫނީ ހިމާޔަތެއްކަމުގައިވެސް އެކައުންސިލުން ދެކޭ ކަމަށެވެ.
އެ ކައުންސިލުގެ ބަޔާން ނިންމާލައިފައިވަނީ، އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުންނަށްވީ ހިނދު، ސަރުކާރަށް ދިވެހިރައްޔިތުންގެ ހިތްހަމަނުޖެހުމާއި ނުރުހުންތެރިކަން އަމާޒުވެދާނެފަދަ އިޞްލާޙުތަކެއް ހިމެނިފައިވާ މި ބިލު، އަނބުރާ ގެންދެވުމަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އެ ކައުންސިލާއި، ނ.ލަންދޫގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި، އިލްތިމާސްކުރަމުންނެވެ. އަދި ސަރުކާރުން މި ބިލު އަނބުރާ ނުގެންގޮސްފި ޙާލަތެއްގައި މިބިލާ ދެކޮޅަށް ވޯޓުދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އަޙުމަދު ހާރޫނު އަށާއި، މަޖުލީހުގެ އެންމެހައި މެންބަރުންނަށް، އެ ކައުންސިލުންނާއި ނ.ލަންދޫ ރައްޔިތުންގެ ނަމުގައި ގޮވާލަމުންނެވެ.

