އަންނަ ސެޕްޓެމްބަރު މަހުގައި އިސްރާއިލުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ
އިސްރާއިލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރު ވެއްޖެއެވެ.
އިސްރާއީލްގެ ޓްރެވެލް ކުންފުންޏެއް ކަމަށްވާ ކަމިނޯސްއާ ހަވާލާދީ އިސްރާއިލްގެ ނޫހެއްކަމުގައިވާ އިޒްރޭލް ހަޔޮމް ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުން ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން ކޮންމެ ހޯމަ ދުވަހަކު އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރުމަށް މިހާރުވަނީ ތައްޔާރުވެފައެވެ. ކޮންމެ ހޯމަ ދުވަހަކު 5 ފްލައިޓްގެ ސިދާ ދަތުރުތައް ކުރަން ނިންމާފައިވާއިރު، އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ޓިކެޓް ވިއްކަން ހަމަ ޖެހިފައިވަނީ 995 ޑޮލަރަށްކަމަށް އެނޫހުގައި ބުނެފައިވެއެވެ.
އެ ނޫހުގައި ބުނެފައިވާގޮތުން މީގެ ކުރިން އިސްރާއީލުން ރާއްޖެއަށް ދަތުރުކުރަނީ ދުބާއީގައި ޓްރާންސިޓް ކުރުމަށް ފަހުގައެވެ. އެއަރ ސީޝެލްސްގެ ފްލައިޓްތަކާއެކު ފަށާ މިދަތުރުގައި އެނބުރި އިސްރާއީލަށް ދާއިރު ސީޝެލްސްގައި އެއް ގަޑިއިރު ޓްރާންސިޓް ކުރާނެ ކަމަށް ކުންފުންޏާ ހަވާލާދީ އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.
މި ޓްރެވެލް ކުންފުނިންވަނީ ރާއްޖެއަށް ފަށާ މިދަތުރުގެ ޕެކޭޖް ތަކުގެ ތެރޭގައި، ފަސް ތަރީގެ ރިސޯޓު ތަކުގައި ހުރުމާއެކު ހުރި ޕެކޭޖްތައްވެސް ހިމެނެއެވެ.
އިސްރާއީލުން ރާއްޖެއަށް ސީދާ ކުރާ ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް 8ގަޑި އިރާ 30 މިނިޓުކަމަށްވެސް އެނޫހުގައި ވެއެވެ.

