ރޮނާލްޑޯ އަމަލުކުރިގޮތުން ކޮކާކޯލާ ކުންފުނި ރުޅިގަދަވެއްޖެ
ޔޫރޯ 2020 ގެ މެއިން ސްޕޮންސަރެއްކަމުގައިވާ ދުނިޔޭގެ މަޝްހޫރު ކޮކާކޯލާ ކުންފުނީގެ ހައިބަތަށް އުނިކަން ލިބޭފަދަ ގޮތަކަށް ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނު ކްރިސްޓިއާނޯ ރޮނާލްޑޯ ކަންތައް ކުރިގޮތުން އެ ކުންފުނި ވަރަށްބޮޑަށް ހިތްހަމަނުޖެހި ރުޅިގަދަވެއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ރޮނާލްޑޯ ދެކެ ކޮކާކޯލަ ކުންފުނި ހިތްހަމަ ނުޖެހުނީ ރޮނާލްޑޯގެ ސަބަބުން އެކުންފުންޏަށް 4 ބިލިއަނެއްހާ ޑޮލަރުގެ ގެއްލުމެއް ވުމުންނެވެ.
ޔޫރޯ 2020 ގައި ރޭ ކުޅުނު ހަންގޭރީ – ޕޯޗްގަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރޮނާލްޑޯ ވަނީ މޭޒުމަތީގައި ބަހައްޓާފައި ހުރި ދެފުޅިކޯކް ނަގާ ދުރައްޖައްސާފައެވެ. މި މުބާރާތުގެ ކުރިން ބާއްވާ ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް މޭޒުމަތީގައި ކޮކާކޯލާ ފުޅިތަކެއް ބަހައްޓާފައި ހުރެއެވެ.
ރޮނާލްޑޯ ވަނީ އެ މޭޒުމަތީގައި ބަހައްޓާފައިހުރި އެ ދެ ކޯކުފުޅި ނެގުމަށްފަހު ފެން ބުއިމަށް ބާރުއަޅާފައެވެ. އެގޮތުން ފެންފުޅިއެއް ނަގާ އޭނާ މޭޒުމަތީގައި ފެންނަގޮތަށް ބެހެއްޓިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިދިޔަ ހޯމަދުވަހުގެ ވިޔަފާރި ބާޒާރުގައި ކޮކާކޯލާގެ ހިއްސާއެއް އުޅެނީ 56.1 ޑޮލަރުގައެވެ. ރޮނާލްޑޯގެ މި ނޫސްވެރިންގެ ބައްދަލުވުން ނިމުނުއިރު އެ ކުންފުނީގެ ހިއްސާގެ އަގު 55.2 އަށް ކުއްލިއަކަށް ވެއްޓިގެންދިޔަ އެވެ. މިއީ ކުޅުންތެރިއެއްގެ ނުފޫޒުން މިހާ އަވަހަށް ކުންފުންޏަކަށް ގެއްލުންވި ފުރަތަމަ ފަހަރެވެ.
ޖުމްލަކޮށް ބަލާއިރު އެ ކުންފުންނަށް މިކަމާއި ގުޅިގެން 1.6 އިންސައްތަ ގެއްލުންވިއެވެ. އެއީ ގާތްގަނޑަކަށް ހަތަރު ބިލިއަން ޑޮލަރެވެ. ރިޕޯޓުތައް ބުނާގޮތުން ގެއްލުންވި ވަރު އިތުރަށް ބޮޑުވުން އެއީ އެކަށީގެންވާ ކަމެކެވެ.
ޔޫރޯގެ މައި ސްޕޮންސަރެއް ކަމަށްވާ ކޮކާކޯލާގެ ތާރީހުގައި ކުޅުންތެރިއެއްގެ ފަރާތުން މިވަރުގެ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައެއްނުވެއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި މައްސަލައިގައި ކޮކާކޯލާ ކުންފުނި ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.
