ވެލްޑިން މަސައްކަތެއް ކުރަނިކޮށް ރެސިން ފީފާއެއް ގޮވައި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ
ހއ. ހޯރަފުށީގައި ވެލްޑިން މަސައްކަތެއް ކުރަނިކޮށް ރެސިން ފީފާއެއް ގޮވައި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފިހިފައިވަނީ އެރަށު ސެގޯފާ، އަހުމަދު މޫސާ އެވެ.
އަހުމަދު މޫސާއަކީ ރަށުގައި ވަރަށް ގަދައަށް ވެލްޑިން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ރަށުގެ ގިނަ ބަޔަކު ދަންނަ މީހެކެވެ.
މި ހާދިސާ ހިނގާފައިވަނީ ހަވީރު 17:58 އެހާކަންހާއިރު ކަމަށް ވާއިރު، ހާދިސާ ހިނގަން މެދުވެރިވީ ރެސިން ފީފާއެއް މަތީ ދަގަނޑުގަނޑެއް ބާއްވައިގެން ވެލްޑިން ކުރުމުގެ ތެރޭގައި ކަމަށް އޮންލައިން ނޫސް ވަގުތު އަށް މައުލޫމާތު ދިން ހޯރަފުށީ މީހަކު ބުނެފައިވެއެވެ.
“މޫސަގެ ކަނާތްފަޅި ވަރަށް ބޮޑަށް ފިހިފައި ވަނީ. ވާތު އަތާއި މޫނާއި ގައިގެ އެކިތަންތަން ފިހަފައި ހުރީ” މައުލޫމާތު ދިން މީހާ ބުންޏެވެ.
އޭނާ ބުނީ، ހާދިސާއާއި ގުޅިގެން އިތުރު ފަރުވާއަށް މޫސާ ހދ. ކުޅުދުއްފުއްޓަށް މިރޭ 19:45 އެހާކަންހާއިރު ފޮނުވާލާފައިވާ ކަމަށެވެ.
މޫސާއަށް އިތުރު ފަރުވާ ދިނުމަށް ކުޅުދުއްފުއްޓަށް ފޮނުވާލާފައިވަނީ އެދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމްގެ ވަރަށް ބޮޑު އެހީތެރިކަމާއި އެކީ ކަން އެމީހާ ވަނީ ފާހަގަ ކޮށްފައެވެ.
