ޚަބަރު

ކްލިކް ކޮލެޖުން 170 ދަރިވަރުން ދަސްވެނިކޮށް، އާ އެމްބީއޭ ޕްރޮގްރާމެއް ތައާރަފުކޮށްފި

ކްލިކް ކޮލެޖުން އެ ކޮލެޖުގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޖަލްސާ ބާއްވައި، 170 އަށްވުރެ ގިނަ ދަރިވަރުންނަށް ސެޓްފިކެޓާއި ޑިގްރީ ހަވާލުކޮށްފިއެވެ.

ޖޫން 30، 2025 ވީ ހޯމަ ދުވަހު އިސްލާމީ މަރުކަޒުގައި ބޭއްވި މި ހަފްލާއަކީ އެ ކޮލެޖުން ހިންގާ ބެޗްލަރ އޮފް ކޮމްޕިއުޓަރ ސައިންސް، ބެޗްލަރ އޮފް ސްޕޯޓްސް އެންޑް އެކްސަސައިޒް އަދި ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމަންޓް ޕްރޮގްރާމުން ދަރިވަރުންތަކެއް ދަސްވެނިވި ފުރަތަމަ ފަހަރެވެ.

ހަފްލާގެ ޝަރަފުވެރި މެހެމާން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން ޑރ. ޢަބްދުﷲ ނަޒީރު ވަނީ، ޓެކްނޮލޮޖީއާއި ހާއްސަކޮށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ކޮލެޖުގެ ރައީސް ޑރ. ނައުޝާދު މުޙައްމަދުގެ ވާހަކަފުޅުގައި، މުޖުތަމަޢީ މައްސަލަތަކަށް ޙައްލު ހޯދުމުގައި ދަރިވަރުންގެ ދައުރު މުހިންމުކަން ފާހަގަކުރެއްވިއެވެ.

ޑރ. ނައުޝާދު ވަނީ، އޮންލައިންކޮށް އަދި ފޭސް-ޓު-ފޭސްކޮށްވެސް ފެންވަރު ރަނގަޅު ތަޢުލީމީ ތަޖުރިބާއެއް ދަރިވަރުންނަށް ފޯރުކޮށްދިނުމަށްޓަކައި، ބައިނަލްއަޤްވާމީ ފެންވަރުގެ “ލާނިން މެނޭޖްމަންޓް ސިސްޓަމެއް” (އެލްއެމްއެސް) ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އިއުލާން ކުރައްވާފައެވެ.

މި ހަފްލާގައި ވަނީ ތަފާތު އެވޯޑުތަކެއްވެސް ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ތަޢުލީމީ ގޮތުން މަތީ ވަނަތައް ހާސިލްކުރި 6 ދަރިވަރަކަށް “ޕްރެޒިޑެންޓްސް ރޯލް އޮފް އެކްސެލެންސް”، އަދި އޭބީއީގެ ބައިނަލްއަޤްވާމީ އިމްތިޙާނުތަކުން އެންމެ މަތީ މާކްސް ހޯދި 3 ދަރިވަރަކަށް “އޭބީއީ ޓޮޕް ޕޭޕަރ ޕްރައިޒް” ހަވާލުކުރެވުނެވެ. މީގެ އިތުރުން، ޚާއްސަ ޚިދުމަތްތަކަށް އެވޯޑު ލިބުނު ފަރާތްތަކުގެ ތެރޭގައި ފާޠިމަތު އަލްމާ އިސްމާޢީލް، އަޙްމަދު ރިޔާޒް، އަދި ލެކްޗަރަރުން ކަމަށްވާ އާމިނަތު ހަސްމާ ޙަބީބް، މަނޯޖް ކުންނަތު ވެންކިޓެސްވަރަން، އަދި އިބްރާހިމް ސުހައިލް ހިމެނެއެވެ.

ކްލިކް ކޮލެޖުން ވަނީ މުޅިން އަލަށް މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ޕްރޮގްރާމެއް ހިންގުމަށް ނިންމާފައިވާކަން މި ހަފްލާގައި އިއުލާންކޮށްފައެވެ. މިއީ އެއް އަހަރު ދުވަހުގެ ތެރޭގައި އޮންލައިންކޮށް ކިޔެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ، MQA ޤަބޫލުކުރާ ޕްރޮގްރާމެކެވެ.

މި އާ އެމްބީއޭ ޕްރޮގްރާމުގެ ޖުލައި 2025 އިންޓޭކަށް މިހާރު ހުޅުވާލާފައިވާއިރު، އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ޖުލައި 15، 2025 އެވެ. އިތުރު މަޢުލޫމާތު ހޯދުމަށް3334036 އަށް ގުޅުއްވުން ނުވަތަ 7728019 އަށް ވަޓްސްއެޕް/ވައިބަރ މެދުވެރިކޮށް މެސެޖު ކުރެއްވޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close