ނާޒިމް ސައްތާރުގެ ވީޑިއޯ މައްސަލަ ނުބަލަން ބާ ކައުންސިލުން ނިންމީ 54 ވަނަ މާއްދާ އާއި ފުށުއަރާތީ
އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެ، އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ސުލޫކީ މައްސަލަ ބެލެން ނެތް ކަމަށް ބާ ކައުންސިލުން ނިންމައި، އެކަން އަންގައިފައިވާއިރު، އެމައްސަލަ ބާ ކައުންސިލުން ނުބަލަން ނިންމީ ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 54 ވަނަ މާއްދާއާއި ޚިލާފު ވާތީ ކަމަށް ބާކައުންސިލުން ވަނީ ބުނެފައެވެ.
ނާޒިމް ސައްތާރުގެ ސުލޫކީ މައްސަލައެއް ހުށަހަޅާފައިވަނީ އޭނާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ލީކުވެ، އެ މައްސަލައިގެ ތަހުގީގަށް އޭނާ ފުރުން ވެސް މަނާކޮށްފައި ވަނިކޮށެވެ. އެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅާފައިވަނީ ގާނޫނީ ވަކީލު އަހުމަދު ތާލިބެވެ.
ތާލިބު މިއަދު އޮންލައިން ނޫސް “ވަގުތު” އަށް ވިދާޅުވީ މައްސަލަ ހުށަހެޅިތާ ދެ މަސް ފަހުން މިއަދު ބާ ކައުންސިލުން ވަނީ އެ މައްސަލަ ބެލެން ނެތް ކަމަށް އޭނާއަށް އަންގާފައި ކަމަށެވެ.
މިދިޔަ ޖުލައި މަހު އެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅުއްވާ ތާލިބު އެދިވަޑައިގަތީ ދައުރުވަމުންދާ ވީޑިއޯ އާއި ގުޅިގެން ގާނޫނީ ވަކީލުންނާއި ދޭތެރޭ އަދި ބާ ކައުންސިލާއި ދޭތެރޭ އާންމުން ދެކޭ ގޮތް ބަދަލުވަމުންދާތީ އެ މައްސަލަ ބަލާ، ނާޒިމް ސައްތާރުގެ ވަކީލުގެ ކަމުގެ ހުއްދަ ވަގުތީ ގޮތުން ބާތިލުކޮށްދިނުމަށެވެ.
އެކަމަކު، ބާ ކައުންސިލުން މިއަދު އަންގާފައި ވަނީ ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 54 ވަނަ މާއްދާގައި ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް ހުށަހެޅޭނީ ގާނޫނީ ވަކީލަކާއި ހަވާ ލުކުރާ މަސައްކަތަކާއި ގުޅިގެން އަމަލުކުރާ ގޮތެއްގެ ސަބަބުން ކަމަށެވެ.
އަދި، އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތަކަކީ ސުލޫކީ މައްސަލައެއް ބެލިދާނެ ފަދަ ޝަކުވާއެއް ކަމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް ނުފެންނަ ކަމަށް ވަނީ ނިންމާފައެވެ.
ބާ ކައުންސިލުން މައްސަލަ ނުބަލާނެކަން އެންގުމާއި ގުޅިގެން މައްސަލަ ހުށަހެޅި ވަކީލު ތާލިބު ވިދާޅުވީ އެ މައްސަލަ ނުބަލާން ނިންމުމަކީ ކަންބޮޑުވުމެއް ކަމަށާއި ހަމައެކަނި ހަވާލުކުރެވޭ މަސައްކަތުގައި ދިމާވާ ކަންކަމަށް ސުލޫކީ މައްސަލަ ހުށަހެޅުމަކީ ގާނޫނުގައި އިން “ލޫޕްހޯލެއް” ކަމަށެވެ. އަދި އެއީ ބޭއިންސާފެއް ކަމަށެވެ.
ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގީރްއާއެކު ނާޒިމް އެއްޖިންސުން ގުޅުން ހިންގި ކަމަށް އަލްމްގީރް ވަނީ ތަހުގީގުގައި އިއުތިރާފުވެފައެވެ. އަދި ނާޒިމާއެކު ކެނެރީގެއަށް ދިޔައިން ކަމަށާއި އޭނާ ހަދިޔާ ވެސް ދޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މި މައްސަލަ ސާބިތުވެ، އަލަމްގީރް މިހާރު ދަނީ ޖަލުހުކުމެއް ތަންފީޒުކުރަމުންނެވެ. މައްސަލައިގާ ދެން ހިމެނޭ މީހުންގެ ޝަރީއަތްތައް ވެސް އެބަ ކުރިޔަށް ދެއެވެ.



ފުށުއަރާއެހެން މައްސަލައެތް ނެތީތާ