އެބޭކަލުންގެ ޖަނާޒާތައްވީ މިފަދައިންނެވެ. (ހަތަރުވަނަބައި)
މީސްތަކުންގެ ޙާލަތު ޞިފަކޮށް އަބޫ ޙާމިދު އަލްޣަޒާލީ ބުންޏެވެ. ” އެބޭކަލުން މަރާއިމެދު ބިރުވެތިވެލެއްވީ މިފަދައިންނެވެ. އެކަމަކު މިއަދު އަހަރުމެން ޖަނާޒާއަކަށް ޙާޒިރުވާ ބަޔަކު ފެނިއްޖެނަމަ، އޭގެ ތެރެއިން ގިނަ މީހުން ހީސަމާސާކޮށް، މަޖާކުރާ ޙާލުގައި މެނުވީ ނުފެނެއެވެ. އަދި އެމީހުން ވާހަކައެއް ދައްކަނީވެސް މައްޔިތާގެ ތަރިކަމުދަލާއި، ވާރުތަވެރިންނަށް ދޫކުޅަ އެއްޗަކާއި ބެހޭގޮތުންނެވެ. އަދި އޭނާގެ ގާތްތިމާގެ މީހުންވެސް އެމުދާގަނޑުން އެއްޗެއް ހޯދައިގަނެވޭނެ ޙީލަތަކާއިމެދު ނޫނީ ފިކުރެއް ނުކުރެއެވެ. އަދި ﷲ އިރާދަ ކުރެއްވި، މީހަކު މެނުވީ، އެމީހެއްގެ އަމިއްލަ ޖަނާޒާއާއިމެދު އަދި އެމީހާގެ އަމިއްލަ ހަށިގަނޑު އުފުލޭނެ ޙާލަތާއިމެދު ފިކުރެއް ނުކުރެއެވެ. ފާފަތަކާއި އުރެދުންތަކުގެ ގިނަކަމުން ހިތްތައް ހަރުވުމުގެ ސަބަބުން މެނުވީ މިވަރަށް ޣާފިލުކަން ނުޖެހެއެވެ. އެއީ އެހެންގޮސް އަހަރުމެން ﷲ ތަޢާލާގެ މަތިންނާއި، އާޚިރަތް ދުވަހާއި، އަދި އަހަރުމެންގެ ކުރިމަތީގައިވާ ބިރުވެރިނާމާންކަމުން އަހަރުމެން ހަނދާން ނައްތާލައިފުމަށް ދާންދެނެވެ. ދެން ފަހެ އެއްވެސް މާނައެއް ނެތް ކަންތަކެއްގެ ތެރޭގައި މަޝްޣޫލުވެ، ސަމާސާކޮށް، ޣާފިލުވުމަށް އަހަރުމެންގެ ޙާލަތު ދިޔައެވެ..”
[އިޙްޔާއު ޢުލޫމިއްދީން | 4/484]
ނިންމުން:
މިއަދު މިވަނީ މިކަމުގައިވެސް ޣާފިލުކަމުގެ އިންތިހާއަށް އަހަރުމެންގެ ގިނަ ބަޔަކު ގޮސްފައެވެ. އެގޮތުން އެއްވެސް ފިކުރެއްނެތި، ޖަނާޒާގެ ކަންތަކަށް ޖޯކުޖަހާ، ކުޅި ސަމާސާކޮށް، މުނިފޫހި ފިލުވަން ފާޑުފާޑުގެ ވީޑިއޯއާއި ފޮޓޯތައް ހަދައިގެން ސަންދޯއް ހިފައިގެން ނަށާތަން ހުންނަ އެއްޗެހި ދައުރުކުރުވާކަމީ ހިތްތަކުގައި މަރާއިމެދު، ކަށްވަޅުގެ ޢަޛާބާއިމެދު، ހަށިގަނޑުން ފުރާނަ ނެރެގެންދެވި އުޑަށް ގެންދެވުމުގެ ދަތުރާއި މިކަންކަމަށް އެއްވެސް ބިރުވެތިކަމެއް ނުވާކަމުގެ ހެއްކެކެވެ.
(ނިމުނީ)
