ދީން

ނަމާދަށްހުރި މީހާގެ ކުރިކެނޑުމަކީ ކޮންކަހަލަކަމެއް؟

ބައެއް ފަރާތްތަކުން އެއްވެސް ޚިޔާލެއް ފިކުރެއްނެތި ހިތުހުރި ހިސާބަކުން އަދި ހިތުހުރި ވަގުތެއްގައި ނަމާދުކުރާ މީހާގެ ކުރިމަތިން ހުރަސްކޮށް ހިނގުން، ނުބައި އާދައަކަށް ހަދައިފިކަހަލައެވެ.  މިކަމުގައި ހުރި ނުބައިކަމާއި،ފާފައިގެ ބޮޑުކަން އެނގޭނަމަ ހަމަކަށަވަރުން އެއްވެސް މީހަކު އެފަދައަކުން ކަންކަން ނުކުރީސްކަން ކަށަވަރެވެ.

ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. (لَوْ يَعْلَمُ الْمَارُّ بَيْنَ يَدَيْ الْمُصَلِّي مَاذَا عَلَيْهِ لَكَانَ أَنْ يَقِفَ أَرْبَعِينَ خَيْرًا لَهُ مِنْ أَنْ يَمُرَّ بَيْنَ يَدَيْهِ قَالَ أَبُو النَّضْرِ لَا أَدْرِي أَقَالَ أَرْبَعِينَ يَوْمًا أَوْ شَهْرًا أَوْ سَنَةً)  (ބުޚާރީ ޙަދީޘް ނަމްބަރު : 480) މާނައީ : ނަމާދުކުރާ މީހާގެ ކުރިމަތިން ހިގުމުގައިހުރި ( ފާފައިގެ ބޮޑުކަން ) އެނގޭނަމަ ސާޅީސްވަންދެން ކޮޅަށް ހުރުންވެސް އޭނާއަށް ހެޔޮކަން ބޮޑުވީހެވެ.“

އަބޫންނަޟަރު ވިދާޅިވިއެވެ. ޙަދީޘްފުޅުގައި އެވިދާޅުވީ ސާޅީސް ދުވަސް ކަމެއް  ސާލީސްމަސްކަމެއް، ސާޅީސް އަހަރުކަމެއް އަހަރެންނަކަށް ނޭނގެއެވެ.“ 

އެކަނި ނަމާދުކުރާ މީހާއާއި އިމާމުވެ ނަމާދުކުރާމީހާ ކުރިމަތީގައި ސުތުރާއެއް ބެހެއްޓުމަކީ ސުންނަތެކެވެ. ބައެއް ދަންނަބޭކަލުން ވާޖިބުކަމުގައި ވިދާޅުވެއެވެ.( ތަނބެއް، ފާރެއް އަދި މިނޫންވެސް ކުރިމަތީގައި ހުރަހެއްގެ ގޮތުގައި ބެހެއްޓޭ ކޮންމެ އެއްޗެއް ސުތުރާއެއްކަމުގައި ބެލެވޭނެއެވެ.) 

އެކަނި ނަމާދުކުރާ މީހާއާއި އިމާމުވެ ނަމާދުކުރާމީހާ ކުރިމަތީގައި ސުތުރާ އެއް ބަހައްޓާފައި ހުރިނަމަ އެސުތުރާ އާއި ނަމާދުކުރާ މީހާއާއި ދެމެދު ހިނގުމަކީ ޙަރާމް ކަމެކެވެ. ނަމަވެސް އެ ސުތުރާގެ ފަހަތުންހިގުމަކީ ހުއްދަކަމެކެވެ.

ސުތުރާ ހުންނަން ޖެހޭނީ ގާތްގަނޑަކަށް ނަމާދުކުރާ މީހާ އާ ތިން މުށް ވަރުގެ ދުރުމިނެއްގައެވެ.

އެކަނި ނަމާދުކުރާ މީހާއާއި އިމާމުވެ ނަމާދުކުރާމީހާ ކުރިމަތީގައި ސުތުރާއެއް ބަހައްޓާފައި ނެތްކަމުގައި ވިޔަސް އެމީހާއާއި ގާތް ގަނޑަކަށް ތިން މުށަށްވުރެ ކައިރިން ނުވަތަ ސަޖިދަ ޖަހާ ހިސާބުން ހުރަސް ކުރުން ޙަރާމްވެގެންވެއެވެ.  ތިން މުށަށްވުރެ ދުރުން  ނުވަތަ ސަޖިދަ ޖަހާ ހިސާބަށް ވުރެ ދުރުން ހުރަސްކުރުން ހުއްދަކަމުގައި ތަޙްޤީޤު ކުރެއްވި ބައެއް ދަންނަ ބޭކަލުން ވިދާޅުވެއެވެ.

ނަމަވެސް ނަމާދުކުރާމީހާގެ ކުރިމަތިން ނުހިނގުން އައުލާކަން ބޮޑެވެ. އިމާމެއްގެ ފަހަތުގައި ނަމާދު ކުރާމީހުންގެ ކުރިމަތިން ހިނގުން ޙަރާމްވެގެން ނުވެއެވެ. އެހެނީ މައުމޫމުންގެ ސުތުރާއަކީ އިމާމު މިހާ ނުވަތަ އިމާމު މީހާގެ ސުތުރާއެވެ. ނަމަވެސް އައުލާކަން ބޮޑީ ބޭނުމަކަށްޓަކައިމެނުވީ މައުމޫމުންގެ ކުރިމަތިންވެސް ނުހިނގުމެވެ. والله أعلم

ޖަވާބު ދެއްވީ: އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ޙުސައިން

މަސްދަރު: ނޫރުލްއިސްލާމް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close