ވާހަކަ

މަންމާއޭ މިހިތުގައި ތިޔަނަމާ ތިޔަސޫރަވޭ – 22 ވަނަބައި

21 ވަނަ ބަޔާ ގުޅޭ

ރީޝް މަޑުމަޑުން ހިނގަމުން ގޮސް ރަށުގެ ފުއްޓަރުފަރާތު އަތިރިމައްޗަށް ނުކުތެވެ. އަދި ދައްތަ ކިޔައިދިން ގޮތަށް ވިސްނުންތެރިކަމާއެކު އަމަލުކުރަމުން ގެންދިޔައެވެ. އަތިރިއަށް ގޮސް އަވަދިވެގެން ތާހިރުވެލުމަށްފަހު، ދިޔަރެސްމަތީގައި ހިނގަމުން ފަރާތްފަރާތަށް ލޯ ހިންގަމުން ދިޔައެވެ. އޭނާގެ އަތުން ގެއްލުނު ރަންފަށް ފެނޭތޯއެވެ. ދިޔަރެސް މަތިން ހިނގަމުން އެތައް ތަނެއް މިހާރު ބެލިއްޖެއެވެ. އެކަމަކު ކާމިޔާބުވާ ގޮތެއް ނުވިއެވެ. ކުރަމުން އައި އުންމީދަށް ހިޔަނިއެޅެމުން ފަނޑުވަމުން ދިޔައެވެ. އެކަމަކު އަދިވެސް އޭނަ ހިތްވަރު އެލުވައެއް ނުލައެވެ. އެހެން ހިނގަމުން، ބޭނުމެއް ހިފިދާނެ ކަމަށް ބެލެވުނު ބައެއް ތަކެތި އޭނާ ހޮވަމުން ދިޔައެވެ. ފެން ހުސްކުރި ދެތިން ފުޅިވެސް އޭގެތެރޭގައި ހިމެނެއެވެ. ވަކި ހިސާބަކަށް ހިނގުމަށްފަހު ދޮންވެލިގަނޑު މަތީގައި އިށީނދެގެން އިނދެ، ހިކިފައި ހުރި ދޮންވެލި އަޅައިގެން އެއްކަލަ ފުޅިތައް ފުރާލިއެވެ. އަދި އެތާއޮތް ބާ ދަބަސްގަނޑަކަށް އެތަކެތި އަޅައިގެން މާޔޫސްވެފައި ހުރެ އައިކޮޅަށް ހިނގައިގަންނަން ފަރިވެލިއެވެ. އެވަގުތު ތަންކޮޅެއް ދުރުން ދިޔަރެސްމަތީގައި ތިބި އިރުވައިހުދުތަކެއް އޭނާއަށް ފެނުނެވެ. އެތަކެތި ގޮވަމުން، ކަރު ކުރުކޮށްކޮށްފައި ދިގުކުރަމުން ގެންދިޔައެވެ. ހީވަނީ އެތަނަށް އައިސްބަލާށޭ ކިޔާފައި ހަނާއަޅާ ހެންނެވެ. އެވަގުތު މާއިޝްގެ މަންމައާ ބެހޭގޮތުން މާއިޝް ކިޔައިދިން ވާހަކަތައް އޭނާ ހަނދާންވިއެވެ. އޭނާގެ އުންމީދު އިތުރަށް އާވާ ގޮތް ވިއެވެ. އެ ދޫނިތައް ތިބިތަނާ ދިމާލަށް މަޑުމަޑުން އޭނާ ހިނގައިގަތެވެ. ވަކިހިސާބަކަށް ދެވުނުތަނާ ދޫނިތައް އުދުހިގެން ގޮސް ދުރުގައި ހުރި ގަހަކަށް ތިރިކޮށްލައިގެން ރީޝްއާ ދިމަ ބަލަން ތިބެއްޖެއެވެ. ފެންނަ ކޮންމެ އެއްޗަކަށް ބަލަމުން ދޫނިތައް ތިބި ހިސާބަށް އޭނާ ދިޔައެވެ. އަދި ނިކަން ފަރުވާތެރިކަމާއެކު ބަލަން ފެށިއެވެ. ވަށައިގެން ހޯދާ ބަލަމުން ދަނިކޮށް އެއްލި ކަޅިޔަކުން، އެތާއޮތް ލަކުޑިކޮޅެއްގެ އަރިމަތިން އެއްޗެއް ވިދާލިތަން އޭނާއަށް ފެނުނެވެ. އަވަސްއަވަހަށް އެލަކުޑިކޮޅު ހިއްލައިލިއެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވެން ދިޔައެވެ. ކޮންމެވެސް އެއްޗެކޭ ބުނަންވެގެން އަނގަވެސް ހުޅުވާލެވުނެވެ. އެކަމަކު ހަމަ އެސިކުންތުގައި އަވަސް އަވަހަށް އަނގަމަތީގައި އަތް އެޅިއެވެ. އެއީ އޭނާގެ ރަންފަށެވެ. ފެންނަން އޮތީ ފަށުގެ ފުލާއެކު އިތުރު ތަންކޮޅެކެވެ. ރީޝް ފަރުވާތެރިކަމާއެކު ފަށުގެ ފުލަށް މަޑުމަޑުން ވާންކޮށްލިއެވެ. ފަށް އޮތީ ހޯލިކޮޅެއްގައި އޮޅިފައެވެ. ރީޝް ވީއުފަލުން މާތް ﷲ އަށް ޙަމްދު ކުރިއެވެ. އެއަށްފަހު ލަސްލަހުން އެފަށް ހޯލިކޮޅާ ވަކިކޮށްލިއެވެ.

ރީޝް މިހާރު ހުރީ އުފަލުން ފޮޅިފައެވެ. ނަމަވެސް އޭނާގެ މޫނުން އެކަން ނުދެއްކުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުން ގެންދިޔައެވެ. އޭނާ މިހާރު އިންތިޒާރުކުރަމުން އެގެންދަނީ ދައްތައާ ހަމައަށް ދެވޭނެ ވަގުތަކަށެވެ. އޭނާ ބޭނުންނަމަ މިހާރު މަންމަމެންގެ ގާތަށް ދެވިދާނެއެވެ. އެކަމަކު އޭރުން އޭނާގެ ދައްތަ ދެން ދުވަހަކުވެސް ނުފެނުން އެކަށީގެންވެއެވެ. އެހެން ވާކަށް އޭނާ ބޭނުމެއް ނޫނެވެ. މިހާރު އޭނާގެ އެންމެ މުހިންމު މަސައްކަތަކީ ދައްތަ ސަލާމަތްކުރުން ކަމުގައި އޭނާ ކަނޑައެޅިއެވެ. އަދި އެކަމަށްޓަކައި މާތް ﷲ ކިބަފުޅުން ވާތްގަށް އެދި ހިތާހިތުން ދުއާކުރިއެވެ.

ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން ޒަމާލިކް އައެވެ. އަދި އޭނާއާއެކު ފަހަތުން އައުމަށް އަމުރުކުރިއެވެ. ޒަމާލިކްގެ ހަރަކާތްތައް ހުރިގޮތުން ރީޝް ޖެހިލުންވިއެވެ. އޭނާ ބޭޒާރުވެދާނޭތީއެވެ. ކުޑަކޮށް ޖެހިލުންވެ ހުރެ މަޑުމަޑުން ހިނގައިގަތެވެ. އަދި އެއްކޮޑުގައި އަޅުވާފައި އޮތް ދަބަހުގެ ފުލަށް ކުޑަކޮށް ދަމާލިއެވެ. އެކޮޅުކޮޅުން ހުރި ވެލިފުޅީގެ ކަރުގައި ހިފާ ކުޑަކޮށް ތިރިއަށް ޖައްސާލިއެވެ. ފުޅީގެ މަތީގައި ތޮރުފާފައި ހުރި ކުޑަ ލޯވަޅުން ވެލިފައިބަން ފެށިއެވެ. ޒަމާލިކް ހުރީ ކުރީގައި ކަމުން ރީޝް ކުރަމުން ދިޔަ ކަމަކަށް އޭނާ ސަމާލުކަމެއް ނުދެއެވެ. ރީޝް ހިނގަމުން ދިޔަ ވަރަކަށް އޭނާ ދިޔަ މަގަށް ދޮންވެލި އެޅެމުން ދިޔައެވެ. އެއްފުޅި ހުސްވިއެވެ. ދެވަނަ ފުޅިވެސް ހުސްވިއެވެ. މިހާރު އޮތީ އެންމެ ފަހު ފުޅިއެވެ. ދައްތައާ ހިސާބަށް ދެވުމުގެ ކުރިން ވެލި ހުސްވެދާނެކަމާމެދު އޭނާއަށް ބިރު ހީވިއެވެ. އެހެންކަމުން ދޭތެރެ ދޭތެރެއިން މަތިގަނޑުގައި އިނގިލިއަޅަމުން ގެންދިޔައެވެ. ތިންވަނަ ފުޅި ވެސް ހުސްވިއެވެ. ދެން ކުރާނެ ކަމެއް ނެތެވެ. އިތުރު ވިސްނުމަކަށް ދާން ޖެހިއްޖެއެވެ. އޭނާ ވިސްނައިލިއެވެ. އަދި އެތާހުރި ގަސްތަކުގެ އެތުރުމަށް ނަޒަރު ހިންގާލިއެވެ. އިތުރަށް މާ ދުރަކަށް ދާކަށް ނުޖެހުނެވެ. ޖަލާ ހިސާބަށް އާދެވުނެވެ. އަދި ކުރިމަތީގައި އޮތް މާނިފާވެޔޮބޮނޑިއެއްގެ ތެރެއަށް ޒަމާލިކް އިޝާރާތްކޮށްލިއެވެ. ރީޝް މަޑުމަޑުން ގޮސް އެ ވެޔޮބޮނޑި ކުޑަކޮށް ހިއްލާލިއެވެ. ކުރިމަތީގައި ދަގަނޑު ދޮރެއް ހުއްޓެވެ. ރީޝް އެދޮރުން އެތެރެއަށް ވަނެވެ. ޒަމާލިކް ދޮރު ލެއްޕުމަށްފަހު ބޭރުން ތަޅުލައި ތަންޑުވެސް އެޅުވިއެވެ.

ރީޝް އެތެރެއަށް ވަނުމަށްފަހު ދައްތަ ކޮބައިތޯ ހޯދާލިއެވެ. ކޮޓަރިއަށް ވަދެ ބެލިއިރު އެތާކު ފެންނާކަށް ނެތެވެ. ރީޝް ކަންބޮޑުވިއެވެ. އަދި މަޑުމަޑުން ދައްތައަށް ގޮވާލިއެވެ. އެއްވެސް ލިސާނެއް ނުވިއެވެ. ވިސްނާލުމަށްފަހު، ރީޝް މިތަނަށް ވެއްދި ރޭ އޭނާ އޮތްތަނަށް ގޮސް ބެލިއިރު ދައްތަ އޮތީ އެތާނގައެވެ.

ރީޝް އެދިޔަގޮތަށް ގޮސް ރީޝަމްގެ ގައިގައި އޮޅުލައިގަތެވެ. އަދި އޭނާއަށް ލިބުނު ބޮޑު ނިއުމަތުގެ ވާހަކަ ސިއްރު ސިއްރުން ބުނެލިއެވެ. އެވާހަކަ އިވުމުން ރީޝަމް އަދިވެސް ބޮޑަށް ރީޝްގެ ގައިގައި ބައްދައިގަތެވެ. އުފާވެރިކަމުގެ ހިނދުކޮޅެއް ވޭތުވެގެން ހިނގައްޖެއެވެ. އެކަމަކު މަސައްކަތުގެ ބޮޑުބައި އަދިވެސް އޮތީ ފުރިހަމަ ނުވެކަން ދެބެންނަށް ވެސް އިހުސާސްކުރެވެއެވެ.

“ކޮއްކޮ ކީއްވެ މަންމަމެން ގާތަށް ނުގޮސް އަނެއްކާ ވެސް މިތަނަށް ތިޔައައީ؟” ރީޝަމް ބޭނުންވަނީ ރީޝް ސަލާމަތްކުރާށެވެ.

“އަނެއްކާ ވެސް ދައްތަ އެކަނި ކޮށްލާފައި އަހަރެންނަށް ދެވޭނީ ކިހިނެއް؟ އަހަރެންނަކަށް އެކަމެއް ނުކުރެވޭނެ. ދައްތައަށް މަންމަގެ މައިވަންތަކަމުގެ ހޫނު ބޭނުންވާނެ ވަރު ކޮއްކޮއަށް އިހުސާސްކުރެވެއޭ! މިހާރު މިއޮތީ މަސައްކަތުގެ އެއްބައި ފުރިހަމަ ކުރެވިފައި. ދެން އޮތީ މިހުރަގެއިން ނުކުމެވޭނެ ގޮތެއް ރޭވުން. ކޮންމެ ގޮތަކުން ވެސް މިތަނުން ނުކުމެވިއްޖިއްޔާ އެ ޒަމާލިކަކަށް އަހަރެމެން އަތެއް ނުވާނެ.”

ދެބެން ވެސް މިހާރު ތިބީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އެކަކަށް ވެސް ރަނގަޅު ވިސްނުމެއް އަންނަ ގޮތެއް ނުވިއެވެ. އެހެންކަމުން ދެބެން ތަޔައްމަމު ކޮށްލިއެވެ. އަދި ދެރަކުޢަތުގެ ނަމާދެއް ކުރުމަށްފަހު، މި ހުރަގެއިން ނުކުމެވޭނެ މަގެއް ދައްކަވާތޯ މާތް ﷲ ގެ ޙަޟުރަތުކައި ދުޢާކުރިއެވެ.

ރީޝް ހޯދުމުގެ މަސައްކަތުގައި އެއްވެސް ކުރިއެރުމެއް ނުލިބި އެދުވަހުގެ އަސުރުވަގުތާ ގާތްވެއްޖެއެވެ. މިހާރު ބައެއް މީހުން ބޭނުންވަނީ އަވަހަށް އެނބުރި ރަށަށް ދާށެވެ. އެހެންކަމުން، ދަތުރުގެ އެންމެހާ ބައިވެރިންނާއެކު އަހަންމައިދީ ބައްދަލުވުމެއް ބޭއްވިއެވެ. އަދި ރަށަށް ދާން ބޭނުންވާ މީހުންނަށް އަހަންމައިދީގެ ޚަރަދުގައި އެކަން ހަމަޖައްސައިދޭނެކަމަށް ބުންޏެވެ. ނަމަވެސް މިހާރު ދަތުރު ހަދައިގެން އިރުއޮއްސުމުގެ ކުރިން ހޮޅުދުވަށް ނުދެވޭނެކަން އެންމެންނަށް ވެސް އެނގެއެވެ. މިހާލަތުގައި ރޭގަނޑު ދަތުރުކުރާކަށް އެއްވެސް މީހަކު ބޭނުމެއް ނުވިއެވެ. މިރަށަށް ދަތުރު އައި އިރު ދިމާވި ކަންކަން ވެސް ބައެއް މީހުން މިހާރު ވަނީ ރީޝްގެ ގެއްލުމާ ގުޅުވާފައެވެ. މިހެން ދިމާވުމުން، ކައިރީގައި ހުރި، މީހުން އުޅޭ ރަށްރަށުގެ ތެރެއިން އެބަޔަކު ދާން ބޭނުން ރަށަކަށް ދިޔުމުގެ ހުއްދަ އަހަންމައިދީ ދިނެވެ. އަދި އެރަށްރަށަށް ދިޔުމުގެ ދަތުރާއި ތިބުމާއި ކެއުމުގެ ޚަރަދު އަހަންމައިދީ ބަލަހައްޓަދޭނެ ކަމަށް ބުންޏެވެ. އެއްބަޔަކު ދާން ބޭނުންވީ ލަންދޫއަށެވެ. އަނެއް ބަޔަކު ކެނދިކުޅުދޫ އަށެވެ. ކުޑަފަރިއަށް ދާން ބޭނުންވި ބަޔަކު ވެސް ތިއްބެވެ.

އެކި އާއިލާތައް އެކި ރަށަށް ފުރުވާލެވުނެވެ. އަހަންމައިދީއާ އެކު ތޮޅެންދޫގައި މަޑުކުރީ ވަރަށް ހިތްވަރުގަދަ އަންހެނަކާއި ތިން ފިރިހެނުންނެވެ. އޭގެތެރޭގައި މާއިޝް ވެސް ހުއްޓެވެ.

ވަލުތެރެ އަނދިރިވުމުގެ ކުރިން އަދިވެސް އެއްފަހަރު ބުރެއް ޖަހާލަން އެމީހުން ނިންމިއެވެ. އެހެންކަމުން ޙަސީނާގެ ގާތުގައި ނިއަމްއާއި މަރީނާ ގެ އިތުރުން މަރީނާގެ ފިރިމީހާ ދޮންއަލި ތުނޑީގައި މަޑުކުރިއެވެ. ދެން ތިބި ހަތަރު ފިރިހެނުން ވަލުތެރެއަށް ވަނެވެ. ހަތަރު މީހުން އެކުގައި އެކި ދިމަދިއާއަށް ބޯދެމުން، ރީޝްއަށް ގޮވަމުން ވަލުތެރޭގައި ހިނގަމުން ދިޔައެވެ. އެހެން އުޅުމުގެ ތެރޭގައި މަގެއްގެ މަތީގައި ދުރުދުރަށް ދެމިފައި އޮތް ދޮންވެލި ރޮނގެއް މާއިޝްއަށް ފެނުނެވެ. އެވަގުތު އޭނާގެ ތޫނު ދެލޮލުން އެވެލިރޮނގު ގޮސްފައި އޮތް ދިމާލެއް ބަލައިލިއެވެ. އަދި އެވެލިރޮނގު އެންމެންގެ ސަމާލުކަމަށް ގެނުވިއެވެ. އެއީ އެމީހުން ކުރިން އައިއިރު ނެތް ރޮނގެއްކަން އެންމެންނަށް ވެސް އެނގުނެވެ. އެންމެންނަށް ވެސް ބުރަވެވުނީ އެ ވެލިރޮނގުގެ ހަގީގަތެއް އެނގޭތޯ ބެލުމަށެވެ. މާއީޝް އަށް އިތުރު ވިސްނުމެއް އައެވެ. އެއީ އެމީހުންނަށް ގެއްލުމެއް ދޭން ރާވާފައިވާ ރޭވުމެއް ކަމަށް ވެސް ވެދާނެއެވެ. އެހެންކަމުން، ތުނޑީގައި ތިބި މީހުންނަށް ވާނުވާ ވެސް އޭނާ ބަލަމުން ގެންދިޔައެވެ.

ވެލިރޮނގު ކިޔައިދޭ މަގުން އަހަންމައިދީގެ ލަޝްކަރު ކުރިޔަށް ދިޔައެވެ. އެސަރަހައްދުގައި އެއްވެސް ބިރުވެރިކަމެއް އުޅޭތޯ މާއިޝް ބަލަމުން ގެންދިޔައެވެ. ކުއްލިއަކަށް އޭނާ ހުއްޓުން އެރިއެވެ. އޭނާއަށް ޒަމާލިކް ފެނުނެވެ. އަދި އެއީ ކޮންކަހަލަ މަޚްލޫޤެއްތޯ ބެލުމުގެ މަސައްކަތް ފެށިއެވެ. އެއީ އުނައިޝްގެ ކޮއްކޮއެއްކަން މާއިޝްއަށް އެނގުމުން އިތުރަށް ސަމާލުވާން މާއިޝްއަށް މަޖުބޫރުވިއެވެ. އަދި އުނައިޝްގެ ހިލަމެއް ވޭތޯ މުޅިރަށް ބަލައިލިއެވެ. އޭނާގެ އެއްވެސް ހިލަމެއް ނުވުމުން ކުޑަކޮށް ހިތްހަމަޖެހުނެވެ. އޭނާގެ ބާރުގެ ދަށަށް ޒަމާލިކް ގެނައެވެ. އަދި އޭނާގެ ބާރުތައް ދެރަކޮށްލުމަށްފަހު ރުކެއްގައި ބަނދެލިއެވެ. ނަމަވެސް މީ ކުޑަ ވަގުތުކޮޅެއްގެ ކަމެއްކަން މާއިޝް ދަނެއެވެ. އެގޮތަށް ބާރުތައް ދެރަކޮށްލިޔަސް ގިނަ ވަގުތު ވީވަރަކަށް އެބާރުތައް އެނބުރި އިއާދަވާނެއެވެ. އެއީ ޖިންނީންގެ ގާނޫނެވެ.

ރީޝްއާއި ރީޝަމް އެހުރަގޭގެ ބިތްތަކުގައި އެކި އެއްޗިހިން ކާތަމުން، ސަލާމަތްވާނެ މަގެއް ފެނޭތޯ މަސައްކަތްކުރަމުން ގެންދިޔައެވެ. އެހެން އުޅުމުގެ ތެރޭގައި އެއްކަލަ ފަށުގެ ފުލުން ބިތުގައި ކޭތިލިއެވެ. އެވަގުތު އެބިތުން އަލިފާންކަނި ބުރައިގެން ދިޔައެވެ. އަދި އިރުކޮޅެއްގެ ތެރޭގައި އެބިތުގައި ރެނދެއް އުފެދި، އެރެނދުން ބޭރު ފެންނަން ފެށިއެވެ. މިތަން ފެނިފައި ދެބެންނަށް އުފަލުން ހަޅޭއްލަވައި ގަނެވުނެވެ. އަދި އިތުރަށް އެކަން ތަކުރާރުވޭތޯ ބެލުމަށްޓަކައި ފަށުގެ ފުލުން ބިތުގައި ކާއްތާލިއެވެ. މިފަހަރު ވެސް ކުރިން ވީގޮތަށް ވެއްޖެއެވެ. ދެކުދިންނަށް އެކަކު އަނެކަކުގެ ގައިގައި އުފަލުން ބައްދައިގަނެވުނެވެ. އެމީހުންނަށް މިތަނުން ނުކުމެވޭނެ މަގެއް ދެއްކެވީތީ މާތް ﷲ ގެ ޙަޟުރަތަށް ޙަމްދު ސަނާ ދެންނެވިއެވެ.

އަހަންމައިދީގެ ލަޝްކަރު ވެސް އެ ހުރަގެއާ ކައިރިވަމުން ދިޔައެވެ. އެކަމަކު ވަކި ހިސާބަކަށް ދިޔުމަށްފަހު އެ ދޮންވެލި ރޮނގު ހުސްވިއެވެ. އެމީހުންނަށް ޖެހުނީ އެހިސާބުގައި ހުއްޓޭށެވެ. ދެން ހަދާނެ ގޮތަކާމެދު މަޝްވަރާ ކުރެވެން ފެށުނެވެ.

(ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close