ޤާނޫނުލްޢުޤޫބާތަށް ހުށަހަޅާފައިވާ އިޞްލާޙާ ދެކޮޅަށް ކެލާ ކައުންސިލުންވެސް ބަޔާން ނެރެފި
ޤާނޫނުލްޢުޤޫބާތަށް ސަރުކާރުން އިސްލާޙު ގެނައުމުގެ ނަމުގައި ހުށަހަޅާފައިވާ އިޞްލާޙާ ދެކޮޅަށް ތިލަދުންމަތި އުތުރުބުރީ ކެލާ ކައުންސިލުން ބަޔާނެއް ނެރެފިއެވެ.
މިއަދު އެކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ބިލް ފަރުމާކުރެވިފައިވާގޮތުން މާތްވެގެންވާ އިސްލާމްދީނާ ޢަދާވާތްތެރިވެ، މި މާތް ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކަށް އެބައިމީހުންގެ އެ ޢަމަލުތައް ތަކުރާރު ކުރުމަށް މަގުފަހިވެ، އެކަންކަން ކުރުމަށް އޮތް ޤާނޫނީ ހިމާޔަތަކަށް އެބައިމީހުންގެ މި ބިލް ވެގެންދާނެކަމަށް ޤަބޫލުކުރާކަމަށެވެ. ހަމަ އެހެންމެ، އެފަދަ ފަރާތްތަކާ ދެކޮޅަށްއަޑުއުފުލާ ފަރާތްތަކަށާއި، ލާދީނިއްޔަތާއި، ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލެވޭ ގޮވާލުންތައް މި ބިލްގެ ސަބަބުން ކުށަކަށް ވެގެންދާނެކަމަށެވެ.
އިތުރަށް މި ބަޔާނުގައި ބުނެފައިވަނީ، ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި މި އޮތް ދިވެހިރާއްޖޭގައި، ތަފާތު ދީންތަކަށް ފުރުސަތު ހުޅުވާލައި، ސެކިއުލާރ ފިކުރުގެ ތަނަކަށް މި ދީބު ހެދުމަށް މަސައްކަތްކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓުމަށާއި މި ބިލު އަނބުރާ ގެންދެވުމަށް ދިވެހި ސަރުކާރަށް ކެލާ ކައުންސިލް ނަމުގައި އިޢްތިމާސް ކުރާ ކަމަށެވެ.
އަދި މި އިސްލާޙް ފާސްކުރުމަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކުރެވެމުންދާ މަސައްކަތް ހުއްޓާލުމަށާއި ދިވެހިންގެ ދީނާއި އިސްތިޤްލާލު ނަގާލުމަށްކުރާ މިފަދަ ޢަމަލުތަކަށް އެއްބާރުލުން ނުދިނުމާއި މިފަދަ އިސްލާޙު ތަކަށް ވޯޓް ނުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މަޖްލިސް މެންބަރަށް އިޢުތިމާސް ކުރާކަމަށެވެ.



