ނަފްރަތުގެ ޢަމަލުތައް ހުއްޓުވުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލާއިދެކޮޅަށް އިހަވަންދޫ ކައުންސިލުންވެސް ބަޔާން ނެރެފި
ނަފްރަތުގެ ޢަމަލުތައް ހުއްޓުވުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލާއިދެކޮޅަށް ހއ. އިހަވަންދޫ ކައުންސިލުންވެސް ބަޔާނެއް ނެރެފިއެވެ.
މި ބިލު ޤާނޫނަކަށް ވުމުން އިސްލާމް ދީނުގެ އަސާސްތަކަށް ގޮންޖަހާ އެދީނުގެ ދަންމަރު ނިއްވާލުމަށް މަސައްކަތްކޮށް ބަސްބުނަމުންދާ ފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މުންކަރާތްތައް ހުއްޓުވުމަށް ބާރުއަޅާ ނަޞޭޙަތްތެރިވަމުންދާ ދީނީ ޢިލްމުވެރިންނަށް ސީދާކޮށް ގޮންޖަހާ އެފަދަ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވާލެވިގެންދާ ދޮރެއްގެ ގޮތުގައި އެ ޤާނޫނެއް ވެގެންދާނެކަމަށް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން އިސްލާމްދީނާ ޚިލާފަށް ފާޅުގައި އަޑުއުފުލަމުންދާ މީހުން ދިފާޢުކޮށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރުމުގެ ކުރީން، ރައްޔިތުން މަޖިލީހުގެ އެންމެ އިސްވާޖިބަކީ، އިސްލާމްދީނަށް ފުރައްސާރަކުރާ ފަރާތްތައް ހުއްޓުވުމަށް ޤާނޫނުގެ ތެރެއިން ހަރުކަށި ފިޔަވަޅުތައް އެޅޭގޮތަށް ޤާނޫނު ފަރުމާކުރުން ކަމުގައި އެ ކައުންސިލުން ދެކޭކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
މި ބަޔާން ނިންމާލަމުން މި ބިލް ފާސްކުރުމަށް ވޯޓު ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންގެ ކިބައިން، ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ޝިފާއު ގެ އަރިހުން ނުހަނު އާދޭހާއެކު އެދޭކަމަށް އެ ބަޔާނުގައި ވެއެވެ.