ބްރެޒިލްއިން މޮޅުވުމުގެ ރެކޯރޑް ދެމެހެއްޓިއިރު ފަހުވަގުތު އާޖެންޓީނާ އެއްވަރު
މިހާރު ކުރިއަށްދާ ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅެވުނު މެޗުތަކަށްބަލާއިރު މިފަހަރުގެ ކޮލިފައިންގައި މިހާތަނަށް ކުޅެވުނު ހުރިހާ މެޗަކުންވެސް މޮޅުވެ، ސައްތައިން ސައްތަ ރެކޯރޑަކާއިއެކު އޮތް ބުރެޒިލްއިން ރޭ ކުޅުނު މެޗުންވެސް ޕެރަގުއޭ އަތުން 2-0 އިން މޮޅުވެ ބްރެޒިލުން ކޮލިފައިންގައި ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައިފި އެވެ. އަދި މެސީގެ އާޖެންޓީނާ ކުޅުނު މެޗު ވަނީ މެޗުގެ އެންމެ ފަހުވަގުތު ކޮލަމްބިއާ އިން 2-2 އިން އެއްވަރުކޮށްފައެވެ.
މިފަހަރުގެ ކޮލިފައިންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ބުރެޒިލްއިން ޕެރަގުއޭ ދަނޑުގައި ރޭ ކުޅެވުނު މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ބްރެޒިލަށް މެޗުގެ ކުރީކޮޅުގައި ލީޑުނަގައިދިނީ ނޭމާ އެވެ. އޭނާ ލަނޑު ޖެހީ ހަތަރު ވަނަ މިނިޓްގައި ގަބްރިއެލް ޖީސޫސް ދިން ބޯޅައަކުންނެވެ. އަދި ބްރެޒިލުން 2 ވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ނޭމާގެ އިސް ދައުރެއް މި ގޯލު ޖެހުމުގައިވެސް ވެއެވެ. ލޫކަސް ޕަކޭޓާ މި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ނޭމާ އެވެ.
ރޭ ކޮލަމްބިއާގައި ކުޅެވުނު އާޖެންޓީނާގެ މެޗުގައި އެޓީމުން ވަނީ ފުރަތަމަ އަށް މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމަށް ދެ ވަނަ މިނިޓްގައި ރޮޑްރީގޯ ޑެ ޕޯލް ދިން ބޯޅައަކުން ލީޑުނަގައިދިނީ ކްރިސްޓިއަން ރޮމޭރޯ އެވެ. އަދި މެޗުގެ 8 ވަނަ މިނިޓްގައި ނިކޮލަސް ގޮންޒާލޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ލެއަންޑްރޯ ޕަރޭޑޭސް ވަނީ އާޖެންޓީނާގެ ލީޑުފުޅާކޮށްދީފަ އެވެ.
ނަމަވެސް ފުރަތަމަ ހާފަށް ވުރެ ރަނގަޅަށް ދެ ވަނަ ހާފްގައި ކުޅުނު ކޮލަމްބިއާ އިން ފުރަތަމަ ގޯލު ޖެހީ މެޗުގެ 51 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ޕެނަލްޓީ އަކުން ލުއިސް މުރިއެލް އެވެ. އަދި އިތުރު ވަގުތުގެ 4 ވަނަ މިނިޓްގައި ކޮލަމްބިއާ އަށް އެއްވަރު ކޮށްދިނީ މިހޭލް ބޯހާ އެވެ.
ރޭ ކުޅެވުނު މެޗުތަކުގެ ނަތީޖާތަކަށްފަހު ބްރެޒިލް އެއް ވަނައިގައި އޮތީ ކޮލިފައިންގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓާ އެކު އެވެ. ކޮލިފައިން ރަނގަޅު ރޫހެއްގައި ފެށި އާޖެންޓީނާ އެންމެ ފަހުން ދެ މެޗުން ވެސް އެއްވަރުވިއިރު، އެ ޓީމު ދެ ވަނައިގައި އޮތީ 12 ޕޮއިންޓާ އެކުއެވެ. ތިން ވަނައިގައި އޮތް އެކުއެޑޯ ވަނީ ރޭ ޕެރޫ އަތުން ، އެޓީމަށް ހަ މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.



