ޚަބަރުކުޅިވަރު

ސްޕެއިނާ ދެކޮޅަށް ބެލްޖިއަމް ނުކުންނާނީ ފަސޭހައިން ދޫދޭ ގޮތަކަށް ނޫން: ގާސިއާ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ވަރުގަދަ ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، އެޓީމަށް މެޗު ފަސޭހަކޮށްލުމުގެ ފުރުސަތު ބެލްޖިއަމުން ނުދޭނެ ކަމަށް އެ ޓީމުގެ ކޯޗު ރުޑީ ގާސިއާ ބުނެފިއެވެ.

މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބެލެވޭ ސްޕެއިނާ ދެކޮޅަށް ކުޅޭއިރު ބެލްޖިއަމުން ދޫނުދީ ހިފަހައްޓާނެ ކަމުގެ އިންޒާރު ކޯޗު ވަނީ ދީފައެވެ.

ކޯޗު ގާސިއާ ފާހަގަކުރި ގޮތުގައި ސްޕެއިނަކީ މިވަގުތު ދުނިޔޭގައި އޮތް، ބޯޅަ ހިފަހައްޓައިގެން އެންމެ މޮޅަށް ކުޅޭ ޓީމެވެ. އަދި އެއީ ވޭތުވެދިޔަ 15 ނުވަތަ 20 އަހަރުގެ ތެރޭގައިވެސް އެ ޓީމުން ދަމަހައްޓަމުން އަންނަ ވަރުގަދަ ސިފައެއް ކަމަށް އޭނާ އެއްބަސްވިއެވެ. ނަމަވެސް ބެލްޖިއަމްގެ އެޓޭކިން ލައިނަކީވެސް ވަރުގަދަ ބައެއްކަމާއި، އެޓީމަކީ މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި އެއް ޓީމުކަން އޭނާ ހަނދާންކޮށްދިނެވެ. ހަމައެއާއެކު، ސްޕެއިނަކީ މިހާތަނަށް ކޮޅަށް ގޯލެއް ނުވަދެ އޮތް ހަމައެކަނި ޓީމުކަންވެސް ބެލްޖިއަމްގެ ކޯޗު ފާހަގަކުރިއެވެ.

މި މުބާރާތުގައި ބެލްޖިއަމްގެ ފެށުން އުނދަގޫވި ނަމަވެސް، މެޗަކަށްފަހު މެޗެއް އެޓީމު އަންނަނީ ކުޅުން ރަނގަޅު ކުރަމުންނެވެ. ގްރޫޕް ސްޓޭޖުގައި ނިއުޒިލޭންޑް އަތުން އެކަނި މޮޅުވެ، އިރާނާއި މިސްރާ އެއްވަރުވި ނަމަވެސް، ގަދަ 32 ގައި އެޓީމުން ވަނީ ސެނެގާލް ބަލިކޮށްފައެވެ. އަދި އެންމެ ފަހުން ކުޅުނު ގަދަ 16 ގެ މެޗުގައި އެމެރިކާގެ މައްޗަށް ބެލްޖިއަމުން ވަނީ ފަސޭހަކަމާއެކު ކުރިހޯދާފައެވެ.

މިހާތަނަށް ބެލްޖިއަމުން މުބާރާތުގައި 13 ގޯލު ޖަހާފައިވާއިރު، އެޓީމަށްވުރެ ގިނައިން ލަނޑު ޖަހާފައިވަނީ ހަމައެކަނި ފްރާންސާއި އާޖެންޓީނާއެވެ. ބެލްޖިއަމްގެ އެޓޭކުގައި އެންމެ ފާހަގަކޮށްލެވެނީ އަނިޔާއިން ސަލާމަތްވެ، ބެންޗުން ނުކުމެ ތަފާތު ދައްކަމުން އަންނަ ތަޖުރިބާކާރު ފޯވާޑް ރޮމެލޫ ލުކާކޫއެވެ. ލުކާކޫ ބުނި ގޮތުގައި ބެންޗުން ކުޅެން އެރުމަކީ ކުރިއާލައި ރޭވިގެން ކުރާ ކަމެއް ކަމަށާއި، މިރޭގެ މެޗުން މޮޅުވެވޭނީ މުޅި ޓީމުން ސައްތައިން ސައްތަ ދީގެން ފުރިހަމަ މެޗެއް ކުޅެގެންނެވެ.

އަނެއްކޮޅުން ސްޕެއިން ކުއާޓާ ފައިނަލަށް ދަތުރުކުރީ އެއްވެސް މެޗެއްގައި ބައިކޮޅަށް ގޯލެއް ވަނަނުދީއެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކޭޕް ވާޑްއާ އެއްވަރުވި ނަމަވެސް، އޭގެ ފަހުން ސައުދީ އަރަބިއްޔާއާއި އުރުގުއާއީ ބަލިކޮށް، ގަދަ 32 ގައި އޮސްޓްރިއާ ވަނީ މުބާރާތުން ބޭރުކޮށްލާފައެވެ. އަދި ގަދަ 16 ގައި އެޓީމުން ވަނީ ޕޯޗުގަލްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close