ޚަބަރު

ތިންބާރުގެ ވެރިންގެ އިތުރުންވެސް ރައްކާތެރިކަން ދޭންޖެހޭ ގިނަބަޔަކު އެބަތިބި: އާޒިމް

ތިން ބާރުގެ ވެރިންގެ އިތުރުން ވެސް ރައްކާތެރިކަން ދޭން ޖެހޭ ގިނަ ބަޔަކު އެބަ ތިބި ކަމަށާއި، ނިރުބަވެރި ހަރަކާތްތަކާއި އަމަލުތަކަށް ހިތްވަރުދޭ ބިދޭސީން ރާއްޖޭގައި އުޅެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރަށް ގެކޮޅު ހަމަޖައްސައިދެވޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ނިރުބަވެރިކަމުގެ ނުރައްކާތެރިކަން މުޅި ރާއްޖެއަށް ކުރިމަތިވެފައިވާއިރު މި ކަން މެދުވެރިވުމުގެ އެންމެ ބޮޑު މައްސަލައަކީ ވެސް “ބިދޭސީންގެ ކިއްލާތަކެއް” ރާއްޖޭގައި އުފެދުމެވެ.

“ނިރުބަވެރި ކަމުގެ ނުރައްކާތެރިކަން އޮތް ވާހަކަ ދައްކާ އިރު އެންމެ ބޮޑު މައްސަލައަކީ ބިދޭސީން، ޓެރަރިޒަމްގެ ކަންކަމަށް އެހީތެރިވެދޭ އެތައް ބިދޭސީން މި ރާއްޖޭގައި އެބަ މަސައްކަތް ކުރަމުންދޭ،” އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެންމެނަށް ބޮޑެތި ރައްކާތެރިކަން ދިނުމަކީ ރާއްޖެ ފަދަ އިގްތިސާދަކަށް ފަސޭހަ ކަމެއް ވެސް ނޫން ކަމަށެވެ. އެހެންވެ، މިފަދަ ކަންކަން ހިނގުމުގެ ކުރިން އެ ކަން ހުއްޓުވޭނެ ގޮތަކަށް އިމްތިޔާޒުތައް ބައްޓަންކޮށް ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

“މި ކަންކަމަށް އަޅުގަނޑުމެނަށް ރަނގަޅު ފިޔަވަޅެއް ނޭޅިއްޖެ ނަމަ އަދި މާ ނުރައްކާތެރިކަން ކަމެއް ދިމާވާނެ. އަޅުގަނޑުމެންގެ ފުލުހުންނާއި ސިފައިން މި ބިދޭސީންނާ ކުރިމަތިލާން މާ ގިނަ ދުވަހެއް ވެސް ނޯންނާނެ،” އާޒިމް ވިދާޅުވިއެވެ.

އާޒިމް ފާހަގަކުރެއްވި ގޮތުގައި، ޕޮލިސް ކޮމިޝަނަރާއި ސިފައިންގެ އިސް ވެރިންނާއި ކަސްޓަމްސްގެ އިސް ވެރިންނާއި މީރާގެ އިސް ވެރިން ފަދަ ބޭފުޅުންނަކީ ވެސް އެ ބޭފުޅުންގެ މަސައްކަތުގެ ސަބަބުން ގިނަ ބަޔެއްގެ ނުރުހުން އަމާޒުވާ ބޭފުޅުންނެވެ

“މިފަދަ ބޭފުޅުންގެ ރައްކާތެރިކަމަށް ވަކި ސަރަހައްދުތަކެއް އުޅެން އެބަ ކަނޑައަޅަން ޖެހޭ،” އާޒިމް ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ގެކޮޅު ހަމަޖެހިގެންދާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅުއްވާފައި މިވަނީ، މަޖިލީހުގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ބޮމުގެ ހަމަލާއެއް ދީފައިވަނިކޮށެވެ.

ނިރުބަވެރި މި ހަމަލާގެ ފަހަތުގައި ހަރުކަށި ފިކުރުގެ ބަޔަކު ހިމެނޭ ކަމަށް ބެލެވޭ އިރު ނަޝީދުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދަވަން ޖަރުމަނަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު ހުންނެވީ އެ ގައުމުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close