ދޯނިން ދަތުރުކުރި ބިދޭސީން ފެނިއްޖެ، ދިވެހި މީހާ އަދިވެސް ނުފެނޭ
ފ. ފީއަލިކައިރިން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔަ ދޯނިން ދަތުރުކުރި ބިދޭސީން ފެނިއްޖެއެވެ.
އެ ދޯނިން ދަތުރުކުރީ ޖުމްލަ ތިން މީހެކެވެ. އޭގެތެރެއިން ފެނުނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އުމުރުން 37 އަހަރުގެ އަސަދުލް އިސްމާލް އާއި އެ ގައުމަށް ނިސްބަތްވާ އިތުރު މީހެކެވެ.
އެ ދޯނިން ދަތުރުކުރި ކ. ގުރައިދޫ/ ނަލަވާ، އުމުރުން 32 އަހަރުގެ އާދަމް ޝަފީޤް އަދިވެސް ނުފެނެއެވެ.
އެނގިފައިވާ ގޮތުގައި އަންގާރަ ދުވަހުގެ ރޭ 23:22 ހާއިރު ގެއްލުނު އެ ދެ ބިދޭސީން ފެނުނީ ހަންތަކެއްގައި އައްސައިގެން ކަނޑުމަތީގައި ތިއްބައެވެ. އެ މީހުން ފެނުނީ އދ. ދަނގެއްޗާ ދިމާލުންނެވެ.
އެމްއެންޑީއެފް ކޯސްޓުގާޑާއި ޑޯނިއާ ފްލައިޓުން އަންނަނީ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންނެވެ.
ދޯންޏާއި ފަޅުވެރިން ހޯދުމަށް ކޯސްޓްގާޑުން މިހާތަނަށް ވަނީ ކަނޑާއި ވައިގެ މަގުން 2720 ސްކޮޔާ ނޯޓިކަލްމޭލްގެ ސަރަޙައްދެއް ބަލާފައެވެ.
ޑޯނިއާ ފްލައިޓާއި ކޯސްޓްގާޑް އެކޯ-905 ސީ އެމްބިއުލާންސުން ކުރި މަސައްކަތުން އެ ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ފ.އަތޮޅުގެ އުތުރުން އެއް ނޯޓިކަލް މޭލު ބޭރުން ވަނީ ފެނިފައެވެ.

