އިސްލާމް ދީނުގެ ޙުކުމްތަކަށް އިޙްތިރާމްކޮށް މަތިވެރިކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެއް – އިސްލާމިކް މިނިސްޓްރީ
އިސްލާމް ދީނުގެ ޙުކުމްތަކަށް އިޙްތިރާމްކޮށް މަތިވެރިކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެއްކަމަށާއި އަދި ދީނުގެ ޙުކުމްތައް ބަޔާންކުރުމަކީ ޙުއްދަ ލިބިގެންވާ ދީނީ ޢިލްމުވެރިންގެ ޒިންމާއެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދީނުގެ ޙުކުމްތައް ބަޔާން ކުރެވޭނީ ހުއްދަ އޮތް ޢިލްމުވެރިންނަށް ކަމުގައެވެ.
“ދީނުގެ ޙުކުމްތައް ބަޔާންކުރުމަކީ ދީނުގެ ޢިލްމު އުނގެނިގެން ތިބި، ދީނީ ނަޞޭޙަތް ދިނުމާއި ވަޢުޒު ބުނުމުގެ ހުއްދަ ލިބިފައިވާ ޢިލްމުވެރިންގެ ޒިންމާއެއް” އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން މިހެން ވިދާޅުވެފައިވާއިރު، މިއުޒިކާއި ބެހޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބައެއް މެންބަރުންވަނީ ވާހަކަ ފުޅު ދައްކަވާފައެވެ.
އެގޮތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެފައިވަނީ ރޮކް މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް ދީނީ އިލްމުވެރިޔަކު ވިދާޅުވެފައިވާކަމަށް ނޫހެއްގައި ރިޕޯޓްކޮށްފައިވާ ކަމަށާއި، ރޮކް މިއުޒިކް ނުވަތަ އެހެން އެއްވެސް މިއުޒިކަކީ ޙަރާމް އެއްޗެއް ކަމަށް ރާއްޖޭގައި ބުނެވިގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުންވެސް މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުޣ ވެސް ވަނީ މިއުޒިކުން އިސްލާމްދީނަށް ހިތްކިޔާގޮތްވާކަމަށްވިދާޅުވެފައެވެ.
މިއަދު މަޖިލީހުގައި ވަނީ “މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި، އެކުވެރިންނާއި ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި، އުފާވެރި މާހައުލެއްގައި ހީނ، ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެފަދަ މަރުކަޒެއް ޤާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި” ޤަރާރެއް ހުށައަޅާފައެވެ.
މި ޤަރާރު ހުށައަޅާފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއެވެ.
