ރ.އަތޮޅު ފައިނު މޮނިޓަރިންގެ ޙާލަތަށް ލައިފި
ރ.އަތޮޅު ފައިނުން ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެރަށަށް އަރައި ފޭބުން މަނާކޮށް އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިނުން ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވީ ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރުމުންނެވެ. ރޭ ފައިނުން ކޮވިޑަށް ޕޮޒިޓިވްވި ދެމީހުންގެ ސާމްޕަލް ނަގާފައި ވަނީ ހުކުރު ދުވަހު އެވެ.
ފައިނުން ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން ޕޮޒިޓިވްވި މީހުންނާއި ގާތުން އެއްތާވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން ކޮންމެހެން ގެއިން ނިކުންނަން ޖެހިގެން ނޫން ގޮތަކަށް އެއްވެސް މީހަކު ގެއިން ނުނިކުތުމަށް އެރަށުގެ ކައުންސިލުންނާއި ހެލްތު ސެންޓަރުން ވަނީ އިލްތިމާސް ކޮށްފައެވެ.
ފާއިތުވި ދެމަހެއްހާ ދުވަހު އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ވަނީ ކޮވިޑް ފެތުރިފައެވެ. މިހާރު ވެސް މުޖުތަމައުގެ ތެރޭގައި ކޮވިޑް ފެތުރޭތީ 70 އަށް ވުރެ ގިނަ ރަށް މޮނިޓަރިންގެ ހާލަތައް ގެނެސް އަރައި ފޭބުން މަނާކޮށްފައި އެބައޮތެވެ.

