ޚަބަރު

އައްޑޫގައި ކޮންސިއުލޭޓެއް ހަދަން އުޅުމަކީ ބުއްދިވެރިކަމަކަށް ނުވާނެ: އުގައިލް

އައްޑޫގައި ކޮންސިއުލޭޓެއް ހަދަން ސަރުކާރާއި، އައްޑޫގެ އާ ކައުންސިލުން ވަގުތު ނަގާލުމަކީ ބުއްދިވެރި ކަމަކަށް ނުވާނެ ކަމަށާއި ތަރައްގީ އަކީ ހަމަ ތިބެލާފައި ބުނެލާ އެއްޗަކުން ވާ ކަމެއް ނޫން ކަމަށް ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

އުގައިލް މިފަދައިން ވިދާޅުވި އައްޑޫގައި ގާއިމުކުރަން މަސައްކަތް ކުރަމުންދާ އިންޑިއާގެ ކޮންސިއުލޭޓް އޮފީހާއި ދެކޮޅަށް ފަށާފައިވާ “ސޭވް އައްޑޫ” ކެމްޕޭނުގެ ތެރެއިން ރޭ ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަމުންނެވެ.

“ދުނިޔޭގެ ގައުމުތައް ތަރައްގީ ވަނީ އެގޮތަކަށް ނޫން. އެއީ ވަރަށް ދުރާލާ ޕްލޭންތަކެއް ހެދިގެން، ހިސާބުތަކެއް ޖެހިގެން، ޕްލޭނަކާ އެއްކޮށް ކުރިއަށްދާ އެއްޗެއް. ތަރައްގީ އަކީ އަދި ހަމަ ބިލްޑިންގ ތަކެއް ވެސް ނޫން. ބިލްޑިންގ ތަކެއް ނަގާ ކޮޅަށް ޖެހިޔަސް އަދި ތަރައްގީއެއް ނުވާނެ. އަސްލު އިންސާނީ ތަރައްގީ، ސިކުނޑީގެ ތަރައްގީ އަކީ ވަރަށް މުހިއްމު އެއްޗެއް” އުގެއިލް ވިދާޅުވިއެވެ.

އަދި ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރިޔަސް އިގްތިސާދީ، އުމްރާނީ އަދި އިޖުތިމާއީ ރޮގުން ވެސް ތަރައްގީއެއް ގެނެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށްވެސް އައްޑޫ ސިޓި ހިތަދޫ އަށް އުފަން އުގެއިލް ވިދާޅުވިއެވެ.

“އަޅުގަނޑަކީ އައްޑޫ ރައްޔިތެއް. އައްޑޫ ލޭ ހިނގާ، އައްޑޫ ދެކެ ލޯބިވާ މީހެއް. އެ ހައިސިއްޔަތުން މި ދަންނަވަނީ ވެސް” އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރަން އިންޑިއާއިން ނިންމި ނިންމުމަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ އުގައިލް ވިދާޅުވިއެވެ.

ވަކި ގައުމަކަށް މާބޮޑަށް ބަރޯސާވުމަކީ ވެސް ރަނގަޅު ކަމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ހުރިހާ ގައުމަކާއެކުވެސް އެއްވަރަކަށް ގުޅުމެއް ބޭއްވުމަށް އިސްކަންދޭންޖެހޭ ކަމަށާއި އަދި ގައުމުގައި އިމާރާތް ކުރެވޭ މުހިއްމު އިމާރާތްތައް ވެސް ދިވެހިންނަށް އޯނާޝިޕް ނެގޭ ގޮތަށް ކަންތައް ކުރަންޖެހޭ ކަމަށް ވާޗުއަލްކޮށް ބޭއްވި ޕެނަކް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން އުގައިލް ވިދާޅުވިއެވެ.

https://www.facebook.com/SaveAddumv/videos/1232179310613118

“ގައުމީ ސަލާމަތާ ރައްކާތެރިކަމާ ގުޅިފައި ހުންނަ ބިނާތައް އަޅުގަނޑުމެންނޭ އޭގެ އޯނާޝިޕް ގެންގުޅެން ޖެހޭނީ. އަޅުގަނޑުމެންނޭ އެ ބަލަހައްޓާ، ރައްކާތެރިކަމާއެކު ގެންގުޅެން ޖެހޭނީ. މިއީ ވިސްނާލަންޖެހޭ ވަރަށް މުހިއްމު ކަންތައްތައް” އުގައިލް ވިދާޅުވިއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close