ޚަބަރު

ރާއްޖެއިން އިތުރު 1004 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 1004 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 4،030 ސާމްޕަލް ކަމަށެވެ. އޭގެތެރެއިން ޕޮޒިޓިވްވީ 1،004 ސާމްޕަލްއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 835 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 153 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 12 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ. 4 މީހަކު ނިސްބަތްވަނީ ކަނޑުމަތީގެ އުޅަނދަކަށެވެ.

މިއަދު އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބެގްލޮގް ސާމްޕަލްގެ ކޭސްތަކެއް ހިމެނޭ ކަމެއް ނުވަތަ ނޫންކަމެއް އެޗްޕީއޭއިން ބުނެފައެއް ނުވެއެވެ.

އަލަށް ޕޮޒިޓިވްވި 1،004 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 58،345 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 1،023 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 34،159 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 24،033 ގައެވެ. މީގެތެރެއިން 289 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ކޮވިޑްބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދުވަނީ 144 އަށް އަރާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close