ޚަބަރު

އިތުރު ފިޔަވަޅުތަކެއް އަޅަންވަނީ ނިންމާފައި އެކަމަކު ފުރަބަންދަކަށް ނުދާނެ – މަބްރޫކް

ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ބުދަދުވަހުން ފެށިގެން ގްރޭޓަރ މާލޭ އޭރިޔާގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި، އެކަމަކު ފުރަބަންދަކަށް ދާންނުނިންމާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީ އިން މިއަދު ބޭއްވި ޕްރެސްގައި މަބްރޫކް ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިމަހުގެ 26ވާ ބުދަ ދުވަހުން ފެށިގެން މާލޭ ސަރަޙައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށެވެ. އެހެން ނަމަވެސް މާލެ ސަރަޙައްދު ފުރަބަންދުކުރުމަށް ނިންމާފައި ނުވާކަމަށެވެ.

މާލެ ސަރަޙައްދުގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެ މިބަލީގައި ހާލުބޮޑުވާ މީހުންނާއި ނިޔާވާމީހުން ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވަމުންދާތީ އެޗްއީއޯސީގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ވަޒީރުން ހިމެނޭ ޓާސްކްފޯހެއް މިހާރު އެކުލަވާލާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ބުދަ ދުވަހު އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މިހާރު މަޝްވަރާތައް ކުރެވެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑްގެ ނުރައްކާ ކުޑަކުރުމަށް މިހާރުވެސްވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިހާރުވެސް ކޮންމެ ދުވަހެއްގެ ހަވީރު 16:00އިން ފެށިގެން ފަތިހު 04:00އާ ހަމައަށް މާލެ ސަރަޙައްދުގައި ދަނީ ކާފިއު ހިންގަމުންނެވެ.

އަދި އެވަގުތުތަކުގައި ބޭރަށް ނުކުރުތުމާއި އެއްގަމު އުޅަނދު ދުއްވުންވަނީ މަނާކޮށްފައެވެ. އަދި ކޭފޭ ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއިންބުއިން ހުއްޓާލުމާއި، ބަލިން ރައްކާތެރިވުމަށް އޭނޫންވެސް ތަފާތު ފިޔަވަޅުތަކެއްދަނީ ތަންފީޒުކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close