ޚަބަރު

މިއަދުވެސް ރެކޯޑް އަދަދެއް، ޕޮޒިޓިވް ކޭސް 1433 އަށް

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ގާތްގަޑަކަށް ހާހަކާ ކައިރީގައި އެއްވަރެއްގައި ހިފެއްހެއްޓިފައި ހުރެފައި އަނެއްކާވެސް ރެކޯޑް އަދަދަކަށް އިތުރުވެއްޖެއެވެ. މިއަދުވަނީ އިތުރު 1،433މީހުން ޕޮޒިޓިވްވެފައެވެ.

މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވި 1،433މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 1،294މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 134 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 5 މީހުންނެވެ. މިއާއެކު ރާއްޖޭގައި މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ ޢަދަދު މިވަނީ 45،956އަށް އަރާފައެވެ.

ވޭތުވެ 24 ގަޑިއިރުގެތެރޭގައި ޕޮޒިޓިވްވެފައިވާ މީހުންނާއެކު މިވަގުތު 16،997 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 268 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ. އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ތެރެއިން ދަތުރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި 6 މީހުންނަށް ފަރުވާދެމުން އަންނައިރު، 5 މީހުންނަށް ފަރުވާދެނީ ވެންޓިލޭޓަރުގައެވެ.

ވޭތުވެ 24 ގަޑިއިރުގެތެރޭގައި މިބަލިން 398 މީހަކުވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 28،849 އަށް އަރާފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،480 ސާމްޕަލެއް ވަނީ ނަގާފައެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން 102 މީހުންވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 89 ދިވެހިންނާ 13 ބިދޭސީންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ކޯވިޑް19 ބަލީގައި އިތުރު 4 މީހުން މިވަނީ ނިޔާވެފައެވެ. މިއާއެކު މިމަހުގެ މިހާތަނަށް ޖުމްލަ 28މީހުން މިވަނީ ނިޔާވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close