ޚަބަރު

ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ހަދިޔާއަކީ، ދިވެހި ކާބަފައިން، މިޤައުމު މިނިވަންކަމާއެކު ގެނެސްދީފައި އޮތް އޮތުން – މިނިސްޓަރ މާރިޔާ

މިއަދު ވެސް ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ހަދިޔާއަކީ، ދިވެހި ކާބަފައިން، މިޤައުމު މިނިވަންކަމާއެކު މިއަދާ ހަމަޔަށް ގެނެސްދީފައި އޮތް އޮތުން ކަމުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ ސިފައިންގެ ހަފްތާ މަޖައްލާ އައްޑަނަ އަށް “ޝަހީދުންގެ ދުވަސް އައުމުން” މިސުރުޚީގެ ދަށުން އެކަމަނާ ލިޔުއްވި ލިޔުއްވުމެއްގައެވެ.

އެލިޔުއްވުމުގައި އެކަމަނާ ވިދާޅުވެފައިވަނީ މިކަން މިގޮތުގައި ތާއަބަދަށް ދަމަހައްޓަން ދިވެހި އަސްކަރިއްޔާއިން އަތާ އަތް، ކޮނޑާ ކޮނޑު ގުޅުވައިގެން ތިބި ކަމާމެދު މިގައުމުގެ އެއްވެސް ރައްޔިތަކު ސުވާލެއް ނުކުރާނެކަމަށާއި، އޭގެ އަލިގަދަ ހެއްކެއްގެ ގޮތުން މިއަދު ވެސް ދިވެހި ސިފައިންގެ ފަންނީ ހުނަރު ކުރިއަރުވައި ތައްޔާރީ ހާލަތު އިތުރު ކުރުމާއި ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދައި ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ހަރުދަނާކޮށް ތަރައްގީކުރުމަށް ރައީސް ޞާލިޙް ގެންގުޅުއްވާ ޚިކުމަތްތެރި ވިސްނުންފުޅު ނުހަނު އުފަލާއެކު އެކަމަނާ ފާހަގަ ކުރައްވާ ކަމަށެވެ.  

ޝަހީދުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އެމްއެންޑީއެފްގެ ލީޑަރޝިޕާއި، އެންމެހާ ސިފައިންނާއި ސިފައިންގެ އާއިލާތަކަށް، އަރިސްކުރައްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވެފައިވަނީ ޝަހީދުންގެ ދުވަސް ނިސްބަތްވަނީ ޕޯޗުގީޒުންނާއި ދެކޮޅަށް ދީނާއި، ވަތަންގެ ހައްގުގައި ޖިހާދަކުރައްވާ އަލި ރަސްގެފާނު ޝަހީދުވި ދުވަހަށް ކަމުގައެވެ.

އަދި އަލި ރަސްގެފާނު ޝަހީދުވި ހާދިސާއަކީ އިބްރަތުން ފުރިގެންވާ ފިލާވަޅެއް ކަމަށާއި، އަމިއްލަ އެދުންތަކުން ފޯވެފައިވާ ފަރާތްތަކެއް އެއިރުވެސް މިގައުމުގައި ތިބިކަން ތާރިހުން ބުނެދޭ ކަމަށެވެ.

ކީރިތި މަހާރަދުންނަށް އޮޅުވާލާ ދޮގު ދަންނަވައިގެން އަމާން ދެއްވުމަށް މަޖުބޫރުކުރިކަމަށާއި، އެކަމުގެ ހަގީގަތް އެނގިވަޑައިގެންނެވުމުން އަލި ރަސްގެފާނު ނިންމެވީ ގިނިކަންޏާ ނަމަވެސް ދީނާއި ވަތަންގެ ހައްގުގައި ދުޝްމަނުންނާއި ކުރިމަތިލުމަށް ކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ.

މިކަމުން އިބުރަތް ޚާސިލްކޮށް، ޤައުމު ބައިބައިވެ ފަސާދަވުމަށް ފުރުސަތު ނުދެއްވައި މިއަދުވެސް ބޭނުން ވަނީ، ކޯވިޑް 19 މިހާލަތުގައި ވެސް ހަޤީގަތާއި ޚިލާފު ވާހަކަތައް ނުފަތުރާ މިހިތްދަތި އަޑިގަޑުން އަރައި ގަތުމަށް ދިވެހި އަސްކަރިއްޔާގެ އެންމެހާ ސިފައިންނާއި ސިފައިންގެ އާއިލާތަކުން ކޯވިޑް ވެކްސިން ޖެހުމަށްކަމަށް އެކަމަނާގެ ލިޔުއްވުމުގައި ވިދާޅުވެފައިވެއެވެ.

އަދި ހަމައެހެންމެ ކޯވިޑް-19 އާއި ދެކޮޅަށް މިކުރާ މަސައްކަތުގައި މިހާރުވެސް ގިނަ ހުރަސްތަކާއި، ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް، މާތް اللهُގެ ވާގިފުޅާއެކު، އެ ހުރަސްތައް ގިރާކޮށް، މިއަދު މިތިބަ ޙާލަތަށް އާދެވުމުގައި، ދިވެހި ސިފައިންގެ ދައުރު ވަރަށް ބޮޑުކަން ނުހަނު އުފަލާއެކު އެކަމަނާ ފާހަގަ ކުރައްވާ ކަމަށްވެސް އެލިޔުއްވުމުގައި ވިދާޅުވެފައިވެއެވެ.

އެކަމަނާގެ ލިޔުއްވުން ނިންމާލައްވާފައިވަނީ ސިފައިންނާމެދު ދިވެހި ރައްޔިތުންގެ ހިތުގައި އޮތް ފުރިހަމަ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމަށް، އިތުރަށް ކުރަމުންދާ މި މަސައްކަތުގައި، މާތްﷲ ބަރަކާތްލެއްވުން އެދި ދުޢާކުރައްވަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close