ސޯދުބެވެސް ކޮވިޑަށް ޕޮޒިޓިވް ހޮސްޕިޓަލްގައި ފަރުވާދެނީ
ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަބްދުﷲ ސޯދިގު (ސޯދުބެ) ކޮވިޑަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
އުމުރުފުޅުން 85 އަހަރުގެ ސޯދުބެ ކޮވިޑަށް ޕޮޒިޓިވްވީ ސީދާ ކޮން ދުވަހަކު ކަމެއް އެނގިފައެއް ނުވެއެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ނަމަވެސް ސޯދުބެގެ ހާލުކޮޅު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސޯދުބެ ހޮސްޕިޓަލަށް ބަދަލު ކުރީ ހާލު ސީރިއަސް ވެގެން ނޫނެވެ. އެހެން ނަމަވެސް ކުއްލި އަކަށް ބަލި ބޮޑުވެދާނެ ކަމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޑޮކްޓަރުންގެ ލަފަޔާއެކު ހޮސްޕިޓަލަށް ބަދަލު ކުރީއެވެ.
އެނިގިފއިވާ ގޮތުގައި ސޯދުބެ ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްފައެވެ.
ސޯދުބެ އަކީ ސަރުކާރަށް 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ދިވެހިބަހުގެ އެކެޑަމީގެ ޚާއްޞަ މުޝީރުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.
ސޯދުބެއަކީ ސަރުކާރުގެ ޚިދުމަތުގެ އިތުރުން ދިވެހި އަދަބިއްޔާތަށާއި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އަގުނުކުރެވޭފަދަ މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ.


