ޚަބަރު

ބޯޑަރު ހުޅުވާލިފަހުން 6000 އަށްވުރެ ގިނަ މީހުން އަތުވެއްޖެ

ކޮވިޑް-19ގެ ނުރައްކާބޮޑުވެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް 6000އަށް ވުރެ ގިނަމީހުން އައިސްފައިވާކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ މިހާތަނަށް ރާއްޖެއަށް 6277 މީހަކު އައިސްފައިވާކަމަށެވެ. އަދި މިއަދުވެސް 342 މީހަކު ރާއްޖެ އައިސްފައިވާކަމަށް ވިދާޅުވިއެވެ. އަދި މިއަދު އައި އެއްވެސް މީހަކު ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ނެތްކަން ނަޒްލާ ފާހަގަކުރެއްވިއެވެ.

ނަޒްލާ ވިދާޅުވީ ބޯޑަރު ހުޅުވާލުމުން މިހާތަނަށް ރާއްޖެއިން 4877 މީހަކު ފުރާފައި ވާއިރު މިއަދު އެކަނިވެސް 360 މީހަކު ވަނީ ފުރާފައެވެ.

މީގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވަނީ ފުރަބަންދު ކަރަންޓީންގެ ތަފާސް ހިސާބުތައްވެސް ހިއްސާކުރައްވާފައެވެ. މިގޮތުން 7 އޮގަސްޓްގެ ނިޔަލަށް ފުރަބަންދު ކަރަންޓީންއަށް 603 ރިކުއެސްޓް އެޕްރޫވް ކޮށްފައިވާކަމަށް ނަޒްލާ ވިދާޅުވިއެވެ. އެއީ 979 މީހުންގެ ރިކުއެސްޓްއެވެ. އަދި މިހާތަނަށް 2615 މީހަކު ރިކުއެސްޓްކޮށްފައިވާކަމަށާއި އެއީ 4264 މީހުންގެ ރިކުއެސްޓްކަމަށް ނަޒްލާ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close