ޚަބަރު

ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ފުއްދުމަށް އިންޑިޔާއިން އެހީވަނީ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ފުއްދުމަށް އިންޑިއާއިން އެހީވާނެކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް މިއަދު ހެނދުނު ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައި އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްދިނުމުގައި، އިންޑިއާއިން އެއްބާރުލުން ދޭނެކަމަށެވެ. މީގެ އިތުރުން ތަޢުލީމީ، އަދި ފަންނީ ރޮނގުންނާއި އެހެނިހެން އިޖްތިމާޢީ ރޮނގުތަކުން އިންޑިއާއިން ރާއްޖެއަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުންދޭނެކަމުގެ ޔަޤީންކަން ސަފީރު ދެއްވިއެވެ.

ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ޒުވާނުންގެ ހުނަރުވެރިކަން ފާހަގަކުރައްވައި ޒުވާނުން އިތުރަށް ބާރުވެރިކުރުވުމަށް، އިންޑިޔާއާއި ގުޅިގެން ކުރިއަށް ގެންދެވޭނެ ކަންތައްތަކާ ބެހޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި އިންޑިއާ ސަފީރުވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މިގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close