ޚަބަރު

ކޮވިޑް-19 އާއި ގުޅިގެން ސާކްގެ ޤައުމުތަކުގެ ލީޑަރުންގެ މެދުގައި ވީޑިއޯ ކޮންފަރެންސް ބާއްވައިފި

ކޯވިޑް-19 އާ ކުރިމަތިލުމުގައި ގުޅިގެން މަސައްކަތްކުރުމުގެ ގޮތުން ސާކްގެ ޤައުމުތަކުގެ ލީޑަރުންގެ މެދުގައި ވީޑިއޯ ކޮންފަރެންސް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ސާރކް ލިޑަރުންގެ މެދުގައި ބޭއްވެވި މި ވީޑިއޯ ކޮންފަރެންސަކީ އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީގެ އިސްނެންގެވުމަކަށް ބޭއްވެވި ވީޑިއޯ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ކޮންމެ ޤައުމަކުންވެސް މި ބަލިމަޑުކަމާ ގުޅިގެން އެޤައުމެއްގެ ޙާލަތާއި، އަދި އެ ޤައުމަކުން މިކަމާ ކުރިމަތިލުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެވެ. ރައީސުލްޖުމްހޫރިއްޔާ މި ވީޑިއޯ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީގައި ހުންނަވައިގެން ވީޑިއޯ ކޯލް މެދުވެރިކުރައްވައެވެ.

ރައީސް ވިދާޅުވީ ކޯވިޑް-19 އާ ކުރިމަތިލުމުގައި ކާމިޔާބީއަކާ ހަމައަށް ދެވޭނީ އެކުގައި ހުރިހާ ޤައުމެއް ގުޅިގެން މަސައްކަތްކުރެވިގެން ކަމަށެވެ.

މި ވީޑިއޯ ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ކާރިސާތަކާއި ނުވަތަ ބޮޑެތި ކަންކަން ސަރަޙައްދީ ޤައުމުތަކަށް ކުރިމަތިވާ ދަނޑިވަޅުތަކުގައި އަބަދުވެސް ސާރކުގެ މެންބަރު ޤައުމުތަކަކީ އެކަތިގަނޑަކަށްވެ އެކުގައި މަސައްކަތްކުރައްވަމުން ގެންދާ ބައެއް ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސާރކްގެ ޤައުމުތަކުގެ ޞިއްޙީ ދާއިރާއަށް މިބަލީގެ ސަބަބުން އުފުލަންޖެހިދާނެ ބުރަ ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާވެސް ވާހަކަފުޅު ދައްކަވާފައެވެ.

ރާއްޖެއިން މިހާރު އެންމެ އިސްކަމެއް ދެއްވަނީ މި ބަލި ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްކަން ފާހަގަކުރައްވައި ރާއްޖެއިން މިކަމުގައި ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތަކުގެ ތަފްޞީލު ރައީސުލްޖުމްހޫރިއްޔާވަނީ ހާމަކުރައްވާފައެވެ. ހަމަ އެހެންމެ މި ބައްޔާ ކުރިމަތިލުމުގައި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ހުރި ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި މިބަލިމަޑުކަމުން އަރައިގަތުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މި ކޮންފަރެންސްގައި އިންޑިޔާގެ ބޮޑުވަޒީރު ވަނީ ކޯވިޑް-19 އާ ކުރިމަތިލުމަށް ސާކް ޤައުމުތަކުން ބައިވެރިވާ ފަންޑެއް އިފްތިތާޙްކުރުމަށް ހުށަހަޅުއްވާފައެވެ. އެގޮތުން އެފަންޑު ހުޅުމުގެ ގޮތުން އިންޑިޔާއިން އެ ފަންޑުގައި 10 މިލިޔަން ޑޮލަރު ހިމަނުއްވާނެކަން ބޮޑުވަޒީރު މޯދީ އިޢުލާނު ކުރެއްވެވިއެވެ. ހަމަ އެހެންމެ މި ބަލީގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދަށް ލިބޭ ހީނަރުކަން ފޫބެއްދުމަށް ރީޖަނަލް ރިލީފް ޕެކޭޖެއް ތަޢާރަފުކުރުމާއި، ދިގު މުއްދަތުގެ ރިކަވަރީ ސްޓްރެޓަޖީއެއް އެކުލަވާލުމާ ބެހޭގޮތުންވެސް މި ކޮންފަރެންސްގައި މަޝްވަރާކުރެވުނެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އިންޑިޔާގެ ބޮޑުވަޒީރާއި، އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީއާއި، ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި، ބޫޓާނުގެ ބޮޑުވަޒީރު ޑރ. ލޮޓޭ ސެރިންގ އަދި ޕާކިސްތާނުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތް ޑރ. ޒަފަރު މިރުޒާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސާރކް ޤައުމުތަކުން ގުޅިގެން މިބަލިމަޑުކަމާ ކުރިމަތިލުމުގެ މުހިންމުކަން ހުރިހާ ޤައުމަކުންވެސް މި ކޮންފަރެންސްގައި ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close