ޚަބަރު

ކޮވިޑް ޕޮޒިޓިވް ކޭސް އެއްދުވަހާ ހާހަކަށްވުރެ މައްޗަށް އަރައިފި

ރާއްޖެއިން ކޮވިޑް-19 ޕޮޒިޓިވް ކޭސް އެއްދުވަހާ ހާހަކަށްވުރެ މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައި ގޮތުގައި ރާއްޖެއިން 1091 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ ބަޔަކު ފައްސިވީ ދުވަހެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިއަދު ފައްސި ކަމަށް ނަތީޖާ 1،091 ކަމުގައި ދެއްކި ނަމަވެސް، އޭގެ ތެރެއިން 300 މީހުންނަކީ މީގެ 48 ގަޑިއިރު ކުރިން ސާމްޕަލް ނެގި ފަރާތްތަކެއް ކަމަށެވެ. އަދި މިއަދު މުޅި ޖުމްލަ ކޮވިޑަށް ފައްސި ވެފައިވަނީ 791 މީހުން ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއަދު ނަތީޖާ ލިބި، ފައްސިވީ 1091 މީހުންގެ ތެރެއިން މާލެ ސަރަޙައްދުން ކޮވިޑް-19 އަށް ފައްސިވެފައިވަނީ 933 މީހުންނެވެ. އަދި އަތޮޅުތެރެއިން 147 މީހުން މި ބައްޔަށް ފައްސިވެފައިވެއެވެ. މީގެއިތުރުން ހިންގަމުން އަންނަ ރިސޯޓުތަކުން ހަ މީހަކު ފައްސިވެފައި ކަމަށާއި ކަނޑު އުޅަނދުފަހަރުން 3 މީހަކާއި ތަރައްޤީ ކުރަމުން އަންނަ ރަށްތަކުން ވެސް ދެ މީހަކު ފައްސިވެފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 35،815 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 26،299 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 84 މީހުން ނިޔާވެފައިވެއެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 250 މީހުންނެވެ.

ރާއްޖޭގައި މިފަހަކަށް އައިސް އަނެއްކާ ވެސް ކޮވިޑް-19 ގެ ހާލަތު ވަނީ ދަށަށް ގޮސްފައެވެ. އަދި ފައްސިވާ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން އަދަދުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ރައީސް އޮފީހާއި އެޗްޕީއޭ ގުޅިގެން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close