ސަރުކާރުން ލަންދުއަށް ދެއްވާ އެމްބިއުލާންސް މިއަދު އެރަށަށް ގެންދަނީ
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާރަށަކަށް އެމްބިއުލާންސް ފޮނުވުމަށް ސަރުކާރުން ފައްޓަވާފައިވާ ޚާއްޞަ މަޝްރޫޢުގެ ދަށުން ނ.ލަންދައަށް ދެއްވުމަށް ހަމަޖެހިފައިވާ އެމްބިއުލާންސް މިއަދު ހަވީރު އެރަށަށް ގެންދާނެކަމަށް ލަންދޫ ހެލްތްސެންޓަރުން ހާމަކުރައްވައިފިއެވެ.
ލަންދޫ ހެލްތްސެންޓަރު ހިންގުމާއި ޙަވާލުވެހުންނެވި ޖައުފަރު ރަޝީދު (ޖައުބެ) މިއަދު ވިދާޅުވީ އެމްބިއުލާންސް ހިފައިގެން ދަތުރުކުރާ ދޯނި މިއަދު ހަވީރުގެ ވަގުތެއްގައި ލަންދުއަށް ބަނދަރުކުރާނެކަމަށެވެ.
ހުރިހާރަށަކަށް އެމްބިއުލާންސް ހަމަކުރުމަށް ފައްޓަވާފައިވާ މަޝްރޫޢަކީ މިސަރުކާރުން ފެއްޓެވި މަޝްރޫއެއްކަން ހާމަކުރައްވަމުން ހެލްތްމިނިސްޓަރ ނަސީމް ވިދާޅުވި ގޮތުގައި ރަށްރަށް އެމްބިއުލާންސް ގެންދަނީ ތިން ގޮތަކުންނެވެ. އެއީ ހެލްތު މިނިސްޓްރީގެ ބަޖެޓުންނާއި ޖަޕާނު ސަރުކާރުގެ އެހީގައި އަދި އެހެން ޕްރޮގްރާމަކުންނެވެ. އެކަމަކު އެ ޕްރޮގްރާމާ ބެހޭ ތަފްސީލެއް އޭނާ ނުދެއްވައެވެ.

މިނިސްޓަރ ނަސީމް ވިދާޅުވެފައިވަނީ ޖޫން މަހު ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވާނެ ކަމަށެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވެއްޖެ ކަމަށް 2019 ވަނަ އަހަރު ވެސް ސަރުކާރުން އިއުލާނު ކުރި އެވެ.
ޖަޕާން ސަރުކާރުން ހަދިޔާކުރި އެމްބިއުލާންސް ތައް ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަނާ ހަވާލުކުރަން އޮކްޓޯބަރު 12، 2019 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެ ދުވަހު ހަވާލުކުރި އެމްބިއުލާންސްތަކާ އެކު ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވި ނަމަވެސް އަދިވެސް ބައެއް ރަށްރަށުގައި އެމްބިއުލާންސްތައް ހުރީ ރަނގަޅަށް ހިދުމަތް ދެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ.
ލަންދުއަށް މުޅިން އައު އެމްބިއުލާންސެއް މިއަދު ގެންދާއިރު އެރަށަކީ ކުރިންވެސް އެމްބިއުލާންސް ޚިދުމަތް ދެމުންގެންދާ ނ.އަތޮޅުގެ އިރުމަތީބިތުގެ ރަށްތަކުގެ ތެރެއިން ސިއްޙީ ޚިދުމަތުގެ ގޮތުން ފާހަގަކޮށްލެވޭ ރަނގަޅު ރަށެކެވެ.

