ޖަޕާނު ސަރުކާރުން ރާއްޖެއަށް ސީ އެމްބިއުލެންސް ހަދިޔާކޮށްފި

ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ސީ އެމްބިއުލެންސްތަކެއް ހަދިޔާކޮށްފިއެވެ.
މިތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ސީ އެމްބިއުލެންސްތައް ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ދިފާއީ ވަޒީރު ޣައްސާން މައުމޫނެވެ.
މި އުޅަނދުތަކަކީ ޖަޕާނު ސަރުކާރުގެ “ގްރޭންޓް އެއިޑް ފޯ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމެންޓް” މަޝްރޫއުގެ ދަށުން ރާއްޖެއަށް ދިން އެހީއެކެވެ. މި ސީ އެމްބިއުލެންސްތަކުގެ ސަބަބުން ކަނޑުދަތުރުފަތުރުކޮށްގެން ބަލިމީހުން އުފުލުމުގައި މިހާރު ހުރި ދަތިތަކަށް ހައްލެއް ލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު އިތުރަށް މަތިވެގެންދާނެ ކަމަށް ދިފާއީ ވުޒާރާއިން ފާހަގަކުރައްވައެވެ.
ޖަޕާނަކީ ރާއްޖޭގެ ތަރައްގީގައި ޒަމާނުއްސުރެ ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ގައުމެކެވެ. އެގޮތުން އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ޖަޕާނުން އަންނަނީ މެދުނުކެނޑި ފޯރުކޮށްދެމުންނެވެ.
