ބައްސާމަށް އިތުރު 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ފީފާއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދިން ފައިސާއަށް ޚިޔާނާތްތެރިވެ، އަމިން އެވެނިއުއިން ޕެންޓްހައުސްއެއް ގަތް މައްސަލައިގައި އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް 23 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ގާޒީ މުހައްމަދު މިސްބާހް ކުރެއްވި މި ހުކުމަކީ ބައްސާމްގެ މައްޗަށް ދައުލަތުން އުފުލި ޚިޔާނާތްތެރިވުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވުމާ ގުޅިގެން އިއްވި ހުކުމެކެވެ.
މި މައްސަލައިގެ އަދަބެއްގެ ގޮތުން ޚިޔާނާތުގެ ކުށުގައި ބައްސާމް 8 އަހަރަށް ޖަލަށް ލުމަށާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު 6 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މަނީ ލޯންޑަރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން، ލޯންޑާކުރި 44.4 މިލިއަން ރުފިޔާ ދެއްކުމަށާއި، އިތުރު 5.8 މިލިއަން ރުފިޔާ ހޯދައި ދައުލަތަށް ނެގުމަށް ވެސް ކޯޓުން ވަނީ ނިންމާފައެވެ.
ނަމަވެސް، މި މައްސަލާގައި ދައުވާލިބޭ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޝަރީއަތުން މިއަދު ވަނީ ކަނޑައަޅާފައެވެ.
ބައްސާމަކީ އެފްއޭއެމްގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރި އެހެން މައްސަލައެއްގައި މިހާރު ވެސް 9 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
މި މައްސަލާގައި ދެން ދައުވާ އުފުލާފައިވާ އެފްއޭއެމްގެ ކުރީގެ ފިނޭންސް ހެޑް މުހައްމަދު އަގީލާއި ހަސަން ވަހީދުގެ މައްޗަށް އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. މި މައްސަލައަކީ ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގަކަށް ފަހު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

