ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިއަދު ހައްޔަރުކުރި 2 މީހުންގެ ވަނަވަރު ހާމަކޮށްފި
ބުރާސްފަތި ދުވަހުގެ ރޭ 8:30 ހާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި މިހާތަނަށް ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ފުލުހުން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މިހަމަލާގެ ތަހުގީގުގައި އެންމެ އިސްކޮށް އުޅުއްވާ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒުވަނީ މިފަރާތްތަކުގެ ވަނަވަރާއި އަދި މި ހަމަލާގެ ވީޑިއޯ އާންމުކޮށްފައެވެ.
މިމައްސަލައާއި ގުޅިގެން މިއަދު މާލެއިން ހައްޔަރުކުރި ދެމީހުންނަކީ، މުޖާޒް އަހުމަދު، މއ. ފޭރުގެ، 21އ އާއި ތަހުމީން އަހުމަދު، ފޮޅޭމާ ގއ. ކޮނޑޭ، 32އ އެވެ.
މި ދެމީހުންނާއި ގުޅޭ އިތުރު ތަފްސީލް ހާމަކުރައްވަމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މި ދެމީހުންނަކީވެސް ހަރުކަށި ފިކުރަށް ތާއީދުކުރައްވާ ޖެހިލުމެއްނެތި މީހުންމަރަން ފަސްނުޖެހޭ ލިސްޓުގައި ހިމެނޭ ދެމީހުން ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅޭ ހަތަރުމީހަކު ވާކަން ފުލުހުން އިއްޔެ ހާމަކޮށްފައި ވެއެވެ. މީގެތެރެއިން ދެމީހުން މިހާތަނަށް ހައްޔަރުކޮށްފައިވާއިރު ތިންވަނަ މީހެއްގެ ފޮޓޯ އާންމުކޮށް އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރުވަނީ ފަށައިފައެވެ.


