ޚަބަރު

މިއަދުވެސް ރާއްޖެއިން ކޮވިޑް-19 އަށް 402 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް މިއަދުވެސް 402 މީހުން ޕޮޒިޓިވްވެފައި ވާކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފާއިތުވި 24 ގަޑިއިރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މާލެއާއި އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ ދާދި އެއްވަރެއްގައެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހުގެ އިރުއޮއްސި 6:00އިން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ޖުމްލަ 402 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 174މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 179 މީހުންނާ ސިނާއީ ރަށްރަށުން ޕޮޒިޓިވްވި 43 މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 6މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 30237އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 159 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 24934މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ޢަދަދުވަނީ 5000އިން މައްޗަށް އަރާފައެވެ. ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ މިވަގުތުގެ އަދަދަކީ 5221އެވެ. އަދި ހޮސްޕިޓަލްގަ އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވަނީ 161އަށް އަރާފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3854 ސާމްޕަލެއް ވަނީ ނަގާފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 73 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 9 ބިދޭސީންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close