ދީން

ލައިލަތުލް ޤަދްރި ވިލޭރޭގެ އަޖުރު ލިބިގަންނާނީ ކިހިނެތް ؟

އެންމެ ފުރަތަމަވެސް ލައިލަތުލް ޤަދްރި ވިލޭރޭގެ މާތްކަމާއި މަތިވެރިކަމަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ. އެރެޔަކީ 1000 މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެޔެކެވެ. މިވާހަކަ ބަޔާންކުރައްވާ ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި سورة القدر ގެ 3 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.

لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ‎﴿٣﴾‏

މާނައީ: ليلةالقدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.

އަދި އެރޭގެ މާތްކަން މާތް ނަބިއްޔާގެ ޙަދީޘުން ބަލާލަމާ ހިނގާށެވެ.

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

مَنْ يَقُمْ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ‏”‏‏.‏

” އީމާންކަމާއިއެކު، ﷲ ގެ ޙަޟްރަތުން ފުރިހަމަ ދަރުމައާއި ޘަވާބަށް އެދިގެން ރޭ އަޅުކަންކޮށްފި މީހެއްގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސަވާނެތެވެ.”

(ޞަޙީޙް ބުޚާރީ 35)

ލައިލަތުލް ޤަދްރިވިލޭރޭވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކުގެ ތެރެއިން ރެޔެއްގައެވެ. މިކަމާއި ގުޅޭގޮތުން މާތް ނަބިއްޔާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

“‏ تَحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنَ الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ ‏”‏‏.‏

” ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެޔެއްގައި ލައިލަތުލް ޤަދްރި ވިލޭރޭ ލިބިގަތުމަށް މަސައްކަތް ކުރާށެވެ.”

(ޞަޙީޙް ބުޚާރީ 2017)

މި ޙަދީޘުން އެނގިގެންދަނީ އެރޭ ވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކުގެ ތެރެއިން، އޮނަހިރި ރޭތަކުގެ ތެރެއިން ރެޔެއްގައި ކަމެވެ. (އޮނަހިރި ރޭތަކަކީ 27،25،23،21 އަދި 29 އެވެ.)

އާދެ! އެންމެ ގިނަ އަޚުންނާއި އުޚުތުން ކުރާ ސުވާލަކީ އެރޭ ލިބިގަތުމަށްޓަކައި ނުވަތަ އެރޭގެ އަޖުރު ލިބިގަތުމަށްޓަކައި މަސައްކަތް ކުރަންވީ ގޮތަކީ ކޮބައިތޯއެވެ. ތިރީގައި މިބަޔާން ކުރަނީ އެރޭ ލިބިގަތުމަށްޓަކައި ކުރެވިދާނެ ކަންކަމެވެ.

ލައިލަތުލް ޤަދްރި ވިލޭރޭގެ އަޖުރު ލިބިގަތުމަށްޓަކައި ކުރެވޭނެ ބައެއް ކަންކަން:

  1. ގިނަ ގިނައިން ދުޢާކުރުން

މި ބަރަކާތްތެރި ރޭގެ އަޖުރު ދެއްވުމަށް އެދި ތިބާގެ ވެރި ރައްބަށް ގިނަގިނައިން ދުޢާކުރާށެވެ.

2. ޖަމާޢަތުގައި ޢިޝާނަމާދާއި ފަތިސްނަމާދު ކުރުމަށް ފަރުވާތެރިވުން

މިއީ، އަހަރުގެ ހުރިހާ ދުވަހެއްގައިވެސް ކުރަންޖެހޭ ކަމެކެވެ. ރަމަޟާންމަހުގައި މި ދެ ނަމާދަށް އިތުރަށް ސަމާލުވާށެވެ. އަދި އިތުރަށް، އަދިވެސް އިތުރަށް ފަހު ދިހައިގައި ފަރުވާތެރިވާށެވެ. ފަހެ، ޢިޝާ ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ ރޭގެ ދެބައިކުޅަ އެއްބައިގައި ނަމާދު ކުރިފަދައެވެ. އަދި ފަތިސްނަމާދު ޖަމާޢަތުގައި ކޮށްފި މީހާ، މުޅި ރޭ އެއްކޮށް ނަމާދު ކުރިފަދައެވެ.

3. ތަރާވީޙް ނަމާދަށް ފަރުވާތެރިވުން

އިމާމު މީހާއަށްވުރެ ކުރިން ނަމާދުން ފައިބައިގެން ނުދާށެވެ. އޭރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ފަދައިން މުޅި ރޭ އަޅުކަމުގެ ޘަވާބު ފުރިހަމައަށް ލިބޭނެއެވެ. ” އިމާމު މީހާ ނަމާދުން އަވަދިވެއްޖައުމަށް ދާންދެން އޭނާއާއިއެކު ނަމާދު ކުރި މީހާ، އޭނާޔަށް މުޅި ރޭގައި އަޅުކަން ކުރި ކަމުގެ އަޖުރު ލިޔެވޭނެއެވެ. – ޖާމިޢަ ތިރްމިޛީ 806 –

4. ރޭގަނޑުގެ ބާކީ ވަގުތުތައް އިޙްޔާކުރުމަށް މަސައްކަތްކުރުން

ހަމައެކަނި ނަމާދުތައް ކުރުމުން ރަމަޟާންމަހުގެ ރޭތައް ކުރު ނުކުރާށެވެ. އެހެނެއްކަމަކު، ޤުރްއާން ކިޔެވުމާއި، ޤުރްއާނާއިމެދު ވިސްނާ ފިކުރު ކުރުމާއި ފާފަތައް ފުއްސެވުމަށް އެދި ދެންނެވުމާއި އަދި އެހެނިހެން ޛިކުރުތަކުން ރޭތައް އިޙްޔާ ކުރާށެވެ.

5. އަހުލުން ހޭލެއްވުން

އަޖުރު ހޯދުމާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތައް ތަބާވުމުގެ ގޮތުން ގޭގެ އަހުލުން ރޭ އަޅުކަން ކުރުމަށް ހޭ ލައްވާށެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމުވެސް އެކަލޭގެފާނުގެ އަހުލުން ރޭ އަޅުކަމަށް ހޭ ލެއްވެވިއެވެ.

6. ފައިދާއެއް ނެތް އެއްވުންތައް މަދު ކުރުން

މިސާލަކަށް: ރައްޓެހިންނާއިއެކު ބޭކާރު ކަންކަމުގައި ވަގުތު ހޭދަކުރުން، ކުޅިވަރު ކުޅުން

7. އެތަނެއްގައި ތިބާގެ ހިތް މަޑުމޮޅިވާ ތަންތަން ހޯދާ އެތަންތަނަށް ޙާޟިރުވުން

މިސާލަކަށް: ދީނީ ދަރުސްތައް ދެވޭ ތަންތަނާއި ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށްޓަކައި ބޭއްވޭ މަޖިލިސްތައް. އަދި މީގެ އިތުރުން މިސްކިތުގައި އިޢުތިކާފަށް އިނުންވެސް ހިމެނެއެވެ.

މި ނޫނަސް ކުރެވިދާނެ ވަރަށް ގިނަކަންތައްތަކެއް ވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ޔާ ﷲ! ލައިލަތުލް ޤަދްރި ލިބުމުގެ ހެޔޮ ނަޞީބު އަޅަމެންނަށް ދެއްވާށި. އާމީން

މަޞްދަރު: ލައިލަތުލް ޤަދްރީގެ އަޖުރު ހޯދާނީ ކިހިނެތް؟ (މުއައްލިފް: މަޙްމޫދު ޙަމްދާން)

މިވެސް ބަލާ
Close