ޕޭޕަރުތަކެއް ލީކްވެފައިވީނަމަވެސް އެޑެކްސެލުން ގޮތެއް ނިންމަންދެން އޭ ލެވެލް އިމްތިހާނު ކުރިއަށް ދާނެ – އެޑިޔުކޭޝަން
ރާއްޖެ އާއި ދުނިޔޭގައި މިހާރު ކުރިއަށްދާ އެޑެކްސެލް އޭ ލެވެލްސް އިމްތިހާނުގެ ޕޭޕަރުތަކެއް ލީކުކޮށްލާފައިވާ ކަމަށް ބެލެވުނަސް އެޑެކްސެލުން ގޮތެއް އަންގަންދެން ރާއްޖޭގައި އިމްތިހާނު ކުރިއަށް ގެންދަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުރިއަށްދާ އޭ ލެވެލްސް އިމްތިހާނުގެ ބައެއް މާއްދާތަކުގެ އިމްތިހާނު ކަރުދާސްތައް އިންޓަނެޓުގައި ލީކުކޮށްލާފައިވާ ކަމަށް އަންނަނީ އަޑުފެތުރެމުންނެވެ.
އެކަމާ ގުޅިގެން މިނިސްޓަރު އައިޝަތު އަލީ “އަދަދު” އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިކަމަށް އެނޫހުގައި ބުނެފައިވަނީ އިމްތިހާނު ކަރުދާސްތައް ލީކުވެފައި ވަނީ ރާއްޖެއިން ނޫންކަން ޔަގީންވާ ކަމަށެވެ.
“މިހާރު ކުރިޔަށްދާ އޭ ލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކީ ބެލެހެއްޓުމާއި ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކައި އެޅިފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިހުރި އުސޫލުތަކާ އެއްގޮތަށް ރާއްޖޭގެ ސްކޫލުތަކުގައި ކުރިޔަށްދާކަމުގައި ދަންނަވަން،” އައިޝަތު އަލީ ވިދާޅުވި އެވެ. “އަދި އޭލެވެލްގެ ސުވާލުކަރުދާހެއް ދިވެހިރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން ލީކުވެފައެއް ނުވޭ.”
މިނިސްޓަރު ވިދާޅުވީ މިހާރު ވެސް ހަމަޖައްސާފައިވާ ކަލަންޑަރުގެ ތެރެއިން އިމްތިހާނުތައް ކުރިއަށް ގެންދާނެ ކަމަށެވެ.
“މިކަމާގުޅިގެން އެހެންގޮތަކަށް ޢަމަލުކުރުމަށް އެޑެކްސެލް އިން އަންގަންދެން މިހާރު ތާވަލުކުރެވިފައިވާ ގޮތަށް ދިވެހިރާއްޖޭގައި އޭ.ލެވެލް އިމްތިހާނު ކުރިޔަށްދާނެ،” މިނިސްޓަރު ވިދާޅުވި ކަމަށް އަދަދު ނޫހުގައި ބުނެފައިވެއެވެ.
