އިޓާލިއަން ލީގުގައި ލާޒިއޯގެ ދަނޑުގައި ލާޒިއޯ އާއި އޭސީމިލާން ރޭ ބައްދަލުކުރި މެޗު 3-0 ލަނޑުން އޭސީމިލާން ބަލިވުމާއިއެކު މިލީގުގެ ގަދަ 4އަށް ވާދަކުރާ ޓީމުތަކުގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.
މިގޮތުން ލީގު ހޯދުމާއި ގާތުގައި އޮތް އިންޓަރ މިލާނަށް 33 މެޗުން ވަނީ 79 ޕޮއިންޓު ލިބިފައެވެ. ނަމަވެސް ކުރިން ތާވަލުގެ 2 ވަނަގައި އޮތް އެސީމިލާން ރޭ ބަލިވުމުން ވަނީ ލީގުގެ 5 ވަނަ އަށް ވެއްޓިފައެވެ. މިވަގުތު 3 ވަނާގައި އޮތީ 33 މެޗުން 68 ޕޮއިންޓާއިއެކު އެޓަލާންޓާއެވެ. ތިންވަނާގައި އޮތީ ރޭ 2-0 ލަނޑުން ޓޮރިނޯ އަތުން މޮޅުވި ނަޕޯލީއެވެ. ނަޕޯލީއަށް 66 ޕޮއިންޓް ލިބިފައިވާ އިރު 4 ވަނާގައި އޮތީ ވޭތުވެ ދިޔަ ސީޒަންތަކުގެ ލީގު ޗެމްޕިއަންކަން ހޯދި ކުރިސްޓީއާނޯ ރޮނަލްޑޯގެ ޔުވެންޓާސްއެވެ. ޔުވެންޓަސްއަށާއި އަދި އޭސީ މިލާނަށްވެސް ލިބިފައިވަނީ 33 މެޗުން 66 ޕޮއިންޓެވެ. މިގޮތަށް ޕޮއިންޓްގެ ގޮތުން ޓީމުތައް އެއްވަރު ވެއްޖެނަމަ މި ލީގުގައި މޮޅު ޓީމެއް ނިންމަނީ ހެޑް ޓު ހެޑް ގަވާއިދަށެވެ. އެ އަށް ފަހު ލަނޑުގެ ތަފާތަށެވެ.
ލާޒިއޯ އާއި އޭސީ މިލާންގެ މެދުގައި ރޭ ކުޅެވުނު މެޗުގައި ލާޒިއޯ އަށް ލީޑުނަގައިދިނީ 77 ސިކުންތު ތެރޭގައި ޔަކީން ކޮރޭއާ އެވެ. މިއީ 2004 ވަނަ އަހަރަށް ފަހު ލީގުގައި ލާޒިއޯ އިން ޖެހި އެންމެ އަވަސް ގޯލެވެ.
ލާޒިއޯ އަށް ލީޑު ފުޅާކޮށްދިނީ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ކޮރޭއާ އެވެ. މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި މެނުއަލް ލަޒާރީ ދިން ބޯޅައަކުން ލާޒިއޯގެ ފަހު ގޯލު ޖެހީ ޗީރޯ އިމޯބިލޭ އެވެ.
