ނާރެސް ރޯދަސުފުރާ – ބޯންލެސް ޗިކަން ޕެޓީސް
ބޯންލެސް ޗިކަން ޕެޓީސްއަކީ ވަރަށް ކުޑަމަސައްކަތަކުން ހަދާލެވިދާނެ މީރު ހެދިކާއެކެވެ. ރޯދަމަހަށް ޚާއްޞަކޮށް ވަރަށް މަޤުބޫލު ހެދިކާއެކޭ ދެންނެވިދާނެއެވެ. ރޯދަ ވީއްލާ ގަޑީގައިގައިވެސް އަދި ތަރާވީސްދަމަށްވެސް ޓޮމާޓޯ ސޯސްއާއި ޖަހައިގެން ކާލަން ވަރަށް މީރު ކެއުމަކަށް ވާނެކަން ޔަޤީނެވެ. އަޖުމަލަ ބައްލަވާލައްވާށެވެ.
ބޭނުންވާތަކެތި
2 ޖޯޑް ބޯންލެސްޗިކަން
2 ފިޔާ ބޮޑު
ލޮނު
2 މޭޒުމަތީ ސަމުސާ ތެޔޮ
½ ސައިސަމުސާ އިނގުރު
2 ލޮނުމެދު
1 ޖޯޑު ކެބެޖް
½ ޖޯޑު ކެރެޓް
1 ގިތެޔޮމިރުސް
½ ސަމުސާ މުގުރިމިރުސް
½ ސަމުސާ އަސޭމިރުސް
ތައްޔާރުކުރާނެގޮތް
ކުކުޅުކޮޅު މަޑުކޮށްލާށެވެ. ދެން ކުކުޅުކޮޅު މަޑުވުމުން މިކްޗަރަށް އަޅާ މުގުރާލާށެވެ. ދެން ތަވަޔަށް ތެޔޮފޮދު އެޅުމަށްފަހު ފިޔާ، އިނގުރު ، ލޮނުމެދު، އަދި ކުކުޅުކޮޅު އަޅައި އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ކެބެޖްކޮޅު ، ކެރެޓްކޮޅު އަދި މިރުސް އެޅުމަށްފަހު އެއްކޮލާށެވެ. ދެން މަޑުގިނީގައި ބަހައްޓާށެވެ. ދެން ކެބެޖްކޮޅު ކުޑަކޮށް މަޑުވުމުން މުގުރިމިރުސްކޮޅާއި، އަސޭމިރުސްކޮޅު އަޅާށެވެ. ދެން މަތިޖަހާފައި އިރުކޮޅަކު ބަހައްޓާށެވެ. މިހާރު މަސްގަނޑު އެހެރީ ތައްޔާރުކުރެވިފައެވެ.
ފުށްގަނޑު ތައްޔާރުކުރުމަށް:
ބޭނުންވާތަކެތި
2 ލާހި ފުށް
2 މޭޒުމަތީ ސަމުސާ މާޖިރިން
1 މޭޒުމަތީ ސަމުސާ ހަކުރު
2 މޭޒުމަތީ ސަމުސާ ކިރު (ހިކިކިރު)
2 މޭޒުމަތީ ސަމުސާ
1 ސައިސަމުސާ ލޮނު
1 ސައިސަމުސާ އީސްޓް
1 ކުކުޅު ބިސް
ފުށްގަނޑު ތައްޔާރުކުރާނެގޮތް
ފުށްގަނޑު މޮޑުމަށްޓަކައި ޔީސްޓްކޮޅު ތާފަނާ ފެންފޮދެއްގައި ގިރާލާށެވެ. ދެން ހުރިހާއެއްޗެއް ތައްށްޓަކަށް އަޅައި އެއްކޮށްލުމަށްފަހު ޔީސްޓްކޮޅުވެސް އަޅާށެވެ. ދެން ފުށްގަނޑު މޮޑެލާށެވެ. ފުށްގަނޑު މޮޑޭނީ އަތުގައި ތައްލަވާ ވަރަށެވެ. ދެން މަތިޖެހި ތައްޓަކަށް ފުށްގަނޑު ލާށެވެ. ގަޑިއެއްހާއިރު ތެރޭގައި ފުށްގަނޑު ފުފޭނެއެވެ. ދެން ނަގާށެވެ. އަނެއްކާވެސް ފުށްގަނޑު މޮޑެލާށެވެ. ދެން ޕެޓީސް ހަދަން ބޭނުންވާ ސައިޒަކަށް ރޮށިދަމާހެން ވަށްކޮށް ދަމާށެވެ.
ރޮށިދަމާފައި އޭގެމައްޗަށް މަސްގަނޑު އަޅާށެވެ. މަސްގަނޑު އަޅާނީރީތިކޮށް ބަންދު ކޮށްލެވޭވަރަށެވެ. ބަންދުކޮށްލާން ބޭނުންކުރާނީ އުލެކެވެ. ދެން އޭގެ މައްޗަށް ބިސްގިރާފާ ފިއްސަކުން ހާކާލާށެވެ.
މިހާރުއެހެރީ ޕެޓީސް ތައް ފިހަންލާން ތައްޔާރު ވެފައެވެ. އަވަނަށް ލުމުގެ ކުރިން އަވަން ދޮންކޮށްލަންވާނެއެވެ. 150 – 250 އާއި ދެމެދުގައެވެ. އަވަނުގައި 15 – 20 މިނިޓުން ފިހެވޭނެއެވެ. ފިހެވުނީމަ ނަގާށެވެ.