ކޮވިޑް ވެކްސިން ޖަހަން ރައީސް ޔާމީން ދެކޮޅު ހައްދަވައިފި
ކޮވިޑް ވެކްސިން ޖެއްސެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެކޮޅު ހައްދަވައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވެކްސިން ޖެހުމަށް ރައީސް ޔާމީން މާލެ ގެނައީ ރޭ 9:45 ހާއިރުއެވެ. އަދި ވެކްސިން ޖެހުމަށް ދެކޮޅު ހެއްދެވުމުން ލަސްނުކޮށް އަނބުރާ މާފުށީ ޖަލަށް ވަނީ ގެންގޮސްފައެވެ.
ކޮވިޑް ވެކްސިން ޖެހުމަށް ރައީސް ޔާމީން ދެކޮޅު ހައްދަވާފައިވާއިރު ދޮކޮޅު ހެއްދެވި ވަކި ސަބަބެއް އެނގިފައެއްނުވެއެވެ. ކަރެކްޝަންސް ބޭފުޅުންވެސް އެކަން ހާމައެއް ނުކުރައްވައެވެ.
ރައީސް ޔާމީން އަށް ދެރަގޮތެއް ނުވާނެ ކަމަށާއި އެމަނިކުފާނު ގެއަށް ބަދަލުކުރަން ނުވަތަ ލުއި ގޮތެއް ހޯދައިދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރޯދަ މަސް ފެށުމުގެ އެއް ދުވަސް ކުރިން ބޭއްވެވި ޕްރެސް އެއްގައި ވިދާޅުވެފައެވެ.
ސިއްހީ ހާލުކޮޅު ހުރި ގޮތުން ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ޕީޕީއެމްއާއި އެމަނިކުފާނުގެ އާއިލާއިން މީގެ ކުރިން އެތައް ފަހަރަކު އެދިފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ފައިސާއިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެނންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ރައީސް ޔާމީން މި ރޯދަ މަހު ގެއަށް ބަދަލުކޮށްދެއްވުން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވެސް ވަނީ ސިޓީއަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިވަޑައިގެންފަ އެވެ.

