ހިލޭ ޑިގްރީ ޕްރޮގްރާމަށް މިދިޔަ އަހަރު 151 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފި

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމަށް މިދިޔަ އަހަރުގެ ތެރޭގައި 151,302,259 ރުފިޔާ ހޭދަކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއީ ދިވެހި ދަރިވަރުންނަށް މާލީ ދަތިކަމެއް ނެތި މަތީ ތަޢުލީމު ހާސިލުކުރުމުގެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. ވޭތުވެދިޔަ ދެ އަހަރަށް ބަލާއިރު، މި ޕްރޮގްރާމަށް ސަރުކާރުން ވަނީ ޖުމްލަ 301.6 މިލިއަން ރުފިޔާ ދޫކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އެކަނިވެސް އަލަށް 2,798 ދަރިވަރުން މި ޕްރޮގްރާމްގެ ދަށުން ކިޔަވަން ފަށާފައިވާއިރު، މިހާރު ޖުމްލަ 8,680 ދަރިވަރުން އަންނަނީ ޑިގްރީއަށް ކިޔަވަމުންނެވެ. މީގެ ތެރޭގައި 5,486 އަންހެން ކުދިންނާއި 3,194 ފިރިހެން ކުދިން ހިމެނެއެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި 3,286 ދަރިވަރުން ވަނީ ކޯސްތައް ނިންމައި ދަސްވެނިވެފައެވެ.
މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ މީހުން ބިނާކުރުމާއި، މާލީ ހާލަތު ހުރިގޮތުން މަތީ ތަޢުލީމުން މަޙްރޫމްވާ ކުދިންނަށް އެ ފުރުޞަތު ފަހިކޮށްދިނުންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 6,640 ދަރިވަރުން ކިޔެވުން ފުރިހަމަކޮށްފައިވާއިރު، މިއީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ވުޒާރާއިން ފާހަގަކުރެއެވެ.


