ނަޝީދުވިދާޅުވަނީ ނާކާމިޔާބީގެ އަސްލަކީ އެތެރޭގެ ކަރަޕްޝަން ކަމުގައި
ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީން އެމްޑީޕީއަށް ލިބުނު ނާކާމިޔާބީގެ އަސްލަކީ އެމްޑީޕީގެ އެތެރޭގެ ކޮރަޕްޝަނުގެ ސަބަބުކަމުގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންތިހާބުގެ ނަތީޖާ އާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، ނާކާމިޔާބީ އާއި ކުރިމަތިވީ ކޮރަޕްޝަނުގެ ސަބަބުން ކަމަށާއި، މި މައްސަލަތަކާއި ގުޅިގެން ޕާޓީގެ އިސްވެރިން ވާހަކަ ދައްކަވާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގިނަ މެންބަރުން ކޮރަޕްޝަނާ ދެކޮޅު ކަމަށާއި، ފާޅުގައި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނުގެ އަމަލުތައް ހިނގަން އެފަރާތްތަކުން ނޭދޭ ކަމަށެވެ. އެކަހަލަ ކަމެއް ހިނގާ ކަމަށް ވާނަމަ މެންބަރުން ހިތްހަމަ ނުޖެހޭ ކަމަށާއި އަދި އެކަން ފާހަގަވަމުން ދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“އެތެރޭގެ މައްސަލަ އޮވެގެން ނާކާމިޔާބުވީ، އެއީ ކޮރަޕްޝަން، އެމްޑީޕީގެ މެންބަރުން އަބަދުވެސް ބޭނުން ވާނެ މި ޕާޓީ ނަޒާހަތްތެރި ވާން، ސަރުކާރުގެ ތެރޭގަ ކޮރަޕްޝަން އޮންނާކަށް ބޭނުމެއް ނުވާނެ،” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު އަދި މި ސަރުކާރުގެ ވެރިކަމަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ގެންނަން ޖެހޭ ވެންޓިލޭޓަރުތަކަކާއި ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އަމަލު ކުރި ގޮތާއި ބެހޭ ގޮތުން އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ވެންޓިލޭޓަރުތައް ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ފާހަގަވެފައިވާ ކަމަށް ބުނެފައިވެއެވެ.
އިއްޔެގެ އިންތިހާބަކީ 2005 ވަނަ އަހަރު އެމްޑީޕީ އުފެއްދި ފަހުން އެމްޑީޕީއަށް މާލެ އިން އެންމެ ބޮޑު ނާކާމިޔާބެއް ލިބުނު އިންތިހާބެވެ. އަދި 2011 ވަނަ އަހަރަށް ފަހު އައްޑޫ ސިޓީން ވެސް އެންމެ ބޮޑު ނާކާމިޔާބެއް އެމްޑީޕީ އަށް ލިބުނީ އިއްޔެގެ އިންތިހާބުގައެވެ.
އިއްޔެގެ އިންތިހާބުގައި ލިބުނު ނާކާމިޔާބާއި ގުޅިގެން އެމްޑީޕީ އިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް އެމްޑީޕީގެ ޓިކެޓްގައި މާލޭ މޭޔަރުކަމަށް ވާދަކުރެއްވި އަނަސް އަބްދުއްސައްތާރު ވަނީ މާލޭ ރައްޔިތުންގެ ތާއީދު ހޯދުމަށް އެމްޑީޕީގެ ސިޔާސަތުތައް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މާލޭ ސިޓީގެ މޭޔަރުކަން އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާފައި ވާއިރު ޕީޕީއެމް އިން ވަނީ މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ހޯދާފައެވެ.

