ސާއިދަށް ހޫނު މަރުޙަބާއެއް ކިޔާނަން – ކުޅިވަރާ ބެހޭ ވުޒާރާ
ސަރަހައްދީ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް ހޫނު މަރުޙަބާއެއް ކިޔުމަށް ތައްޔާރު ވަމުންދާ ކަމަށާއި، ސާއިދު އަދި ކޮންޓިންޖެންޓްގެ ބައިވެރިނާ ރައިސުލް ޖުމުހޫރިއްޔާ މިއަދު ބައްދަލު ކުރައްވާނެކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މަރުޙަބާ ކިޔުމުގެ ހަރަކާތްތައް ކުރިއަށްދާނީ އެއް ނަންބަރު ފާލަން ސަރަހައްދުގައި ކަމަށާއި، އެޙަރަކާތްތއް ކުރިޔަށްދާއިރު ސާއިދު އަދި ކޮންޓިންޖެންޓްގެ ބައިވެރިން، ބެރު ދުންމާރި ތާޅަފިލީގައި ދާނީ ރައީސް އޮފީހަށް ކަމަށާއި، އެތުލީޓުންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރެވުން ކުރިޔަށްދާނީ ރައީސް އޮފީހުގައި ކަމަށްވެސް ކުޅިވަރާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ ވިދާޅުވީ މިއަދު ހެނދު ސައުތު އޭޝިއަން ގޭމްސްގެ ކޮންޓިންޖެންޓް މާލެ އައުމަށް ހަމަޖެހިފައިވާއިރު ހޫނު މަރުޙަބާއެއް ކިޔުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެއް ނަންބަރު ފާލަން ސަރަހައްދުގައި ހެނދުނު 9:45 ގައި މަރުޙަބާ ކިޔުމުގެ ހަރަކާތްތައް ފެށުމަށް ނިންމާފައިވާއިރު މި ހަރަކާތްތަކުގައި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އޮފީސްތަކުން ބައިވެރިވުމަށް ނިންމާފައިވާ ކަމަށް އަސްއަދު ވިދާޅުވިއެވެ.
ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ 35 އަހަރުވީ ތާރީޚުގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަން މެޑެއްޔެއް މި ފަހަރުގެ ގޭމްސްގައި ސާއިދު ކާމިޔާބުކޮށްދީފައިވާއިރު، ސާއިދު ރަން މެޑަލް ހޯދީ 100 މީޓަރު ދުވުމުގެ ފައިނަލްގައި 10.49 ސިކުންތުން ދުވެގެންނެވެ. މިބައިގައި ދެވަނަ މަގާމު ހޯދި ސްރީ ލަންކާގެ ހިމާޝާ އީޝާން ރޭސް ނިންމީ 10.50 ސިކުންތުން ދުވެގެންނެވެ. ސާއިދު އެއްވަނަ ހޯދީ 0.1 ސިކުންތުގެ ފަރަގަކުންނެވެ.
ރަން މެޑަލްގެ އިތުުރުން ސާއިދު ވަނީ މި ފަހަރުގެ ގޭމްސްގެ 200 މީޓަރު ދުވުމުން ލޯ މެޑެއްޔެއްވެސް ހޯދާފައެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ކުޅިވަރު އެތުލީޓު ރާއްޖެއަށް ހޯދައިދިން މެޑަލުގެ އަދަދު މިހާރު ހަތަރަކަށް އަރާފައިވާއިރު، އެއީ މި ފަހަރުގެ ގޭމްސްގައި ހޯދި ރަން މެޑަލް އާއި ލޯ މެޑަލްގެ އިތުރުން 2016 ވަނަ އަހަރުގެ ގޭމްސްގައި 100 މީޓަރު ދުވުމުން އަދި 200 މީޓަރު ދުވުމުން ހޯދި ރިހި މެޑެއްޔާއި 2010 ވަނަ އަހަރު ހަތަރެއް ގުނަ 100 މީޓަރު ދުވުމުން ރާއްޖޭގެ ރިލޭ ޓީމުގައި ހިމެނިގެން ހޯދި ލޯ މެޑަލްއެވެ.
ސައުތު އޭޝިއަން ގޭމްސްގައި މި ފަހަރު ހަތަރު މެޑަލް ރާއްޖޭގެ އެތުލީޓުން ހޯދިއިރު، އަންހެން ޓީޓީ ޓީމު ވަނީ ޓީމު އިވެންޓު ލޯ މެޑަލް ހޯދާފައެވެ. އަދި އަންހެން ފުޓްބޯޅަ ޓީމުވެސް ވަނީ ފުރަތަމަ ފަހަރަށް ލޯ މެޑަލް ހޯދާފައެވެ.


