ކްރިމިނަލްކޯޓްގެ ޤާޟީ ހަސަން ސަޢީދުގެ ސުލޫކީ މައްސަލައެއް ބަލަނީ
ކްރިމިނަލް ކޯޓުގެ ޤާޟީގެ މަޤާމުގައި ހުންނެވި ޤާޟީ ޙަސަން ސަޢީދުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވެއްޖެއެވެ.
ކުރީގެ ފެމިލީކޯޓުގެ އިސް ޤާޟީ ކަންވެސް ކުރެއްވި ، ޙަސަން ސައީދުގެ މައްސަލައެއް ބަލަން ނިންމާފައިވާއިރު ޖޭއެސްސީން ވިދާޅުވީ، 2018 ވަނަ އަހަރު ފެމިލީ ކޯޓުގެ ފަރާތުން، އެކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން ކަމަށް ބުނާ މައްސަލައަކާ ގުޅިގެން އެކޯޓުގެ ކުރީގެ އިސްޤާޟީ، މިހާރު ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ޙަސަން ސަޢީދުގެ ސުލޫކީ މައްސަލައެއް ތަޙްޤީޤު ކުރުމަށް ނިންމާ ތަޙްޤީޤު ކޮމިޓީ އެކުލަވައިލެވިފައިވާކަމަށެވެ.
ޤާޟީ ހަސަން ސަޢީދުގެ ސުލޫކީ މި މައްސަލަ ބަލަން ނިންމާފައިވަނީ 2021 މާރިޗް 17 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 22 ވަނަ ޖަލްސާގައިއެވެ.
ޙަސަން ސަޢީދުގެ ސުލޫކީ މައްސަލައެއް މީގެކުރިންވެސް ބަލާފައިވާއިރު، 2019 ވަނަ އަހަރު ބެލި މިމައްސަލާގައި ގާޟީ ސައީދުގެ މައްޗަށް ފަނޑިޔާރުގެ ސުލޫކަށް އަސަރުކުރާ ފަދަ ކަންތައްތަކެއް ސާބިތުވާކަމަށާއި ފިޔަވަޅެއްގެ ގޮތުންފަނޑިޔާރުކަމުން ވަކިކުރުން ކަނޑައެޅިއެވެ. ނަމަވެސް ތަހްގީގު ކޮމެޓީގެ ރިޕޯޓަށް ޙަސަން ސަޢީދު ލިޔުމުން ހުށަހެޅި ޖަވާބަށް ރިޢާޔަތްކޮށް، ޙަސަން ސަޢީދު ފަނޑިޔާރުކަމުން ވަކި ކުރުމުގެ ބަދަލުގައި އެހެން ކޯޓަކަށް ބަދަލުކުރުމަށް ޖޭއެސްސީ ނިންމިއެވެ.
އަދި ފަނޑިޔާރުގެ ސުލޫކަށް އަސަރުކުރާ ފަދަ ކަންތައްތަކެއް ސާބިތުވާ ކަމަށް ނިންމި ނިންމުން ދަމަހައްޓައި، ޤާޟީ ހަސަން ސަޢީދު ފެމިލީކޯޓުން ކްރިމިނަލް ކޯޓަށް ބަދަލުކުރުމާއެކު ޖޭއެސްސީންވަނީ ޤާޟީއަށް ނަސޭހަތް ދީފައެވެ.

