ޚަބަރު

މާފަރު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ނ. މާފަރުގައި ތަރައްޤީކުރަމުން އަންނަ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށް އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ސޮއިކޮށްފިއެވެ.

މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާ މި މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ މިއަދުއެވެ.  މަސައްކަތް ހަވާލުކުރުމުގެ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަޒްމީލެވެ. އަދި މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝައުޔާއެވެ.

މާފަރު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 3،814،219 (ތިން މިލިޔަން އަށްލައްކަ ސާދަހާސް ދުއިސައްތަ ނަވާރަ) ރުފިޔާއަށެވެ. އަދި މި މަސައްކަތް ހަވާލުކުރެވިފައިވަނީ މަސައްކަތް ފަށާތާ 55 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، މިހާތަނަށް އަށް ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ވަނީ ޓާފް އަޅާފައެވެ. އަދި މި އަހަރު ނިމޭއިރު އިތުރު 20 ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close