ރާއްޖޭގެ އިތުރުން ވަރަށް ގިނަ ޤައުމުތަކަށް އިންޑިއާއިން ހިލޭ ވެކްސިން ފޯރުކޮށްދެނީ
ރާއްޖޭގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކަށް އިންޑިއާއިން ހިލޭ ވެކްސިން ފޯރުކޮށްދިނުމުގެ ވިސްނުން ގެންގުޅޭކަމަށް އިންޑިއާ ސަރުކާރުންބުނެފިއެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ، އެގައުމުން އަންނަނީ ވެކްސިން އެކި ގައުމުތަކަށް ހިލޭ ފޯރުކޮށްދިނުމުގެ ވިސްނުން ގެންގުޅެމުން ކަމަށެވެ. އެގޮތުން ލެޓިން އެމެރިކާގެ 49 ގައުމަކާއި، ކެރީބިއަންގް ގައުމުތަކާއި، އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ އިތުރުން އެފްރިކާ ސަރަހައްދުގެ ގައުމުތަކަށް ދޭނެ ކަމަށް ވަނީ ބުނެފައެވެ.
ކޮވިޑް-19 އިން ރާއްކާތެރިވުމަށް އިންޑިއާގެ ކުންފުންޏަކުން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން ކެރީބިއަންގެ ގައުމުތަކަށް މިހާރުވެސް އިންޑިއާއިން ހިލޭ ފޯރުކޮށްދޭން އެގައުމުން ވަނީ ފަށައިފައެވެ.
ކެރީބިއަންގެ ގައުމުތަކަށް ފޯރުކޮށްދިނުމަށް އިންޑިއާއިން އަންނަނީ 10,000 އަށްވުރެ ގިނަ ވެކްސިން އުފައްދަމުންނެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާއިން އުފައްދާފައިވާ “ކޮވިޝީލްޑް” ވެކްސިން އެގައުމުން އަންނަނީ ފަގީރު ގައުމުތަކަށް ފޯރުކޮށްދެމުންނެވެ. އެގައުމުން މި ވެކްސިން ފޯރުކޮށްދެމުން އަންނައިރު، ޗައިނާއިން އުފައްދާފައިވާ ވެކްސިންވެސް އެގައުމުން އަންނަނީ ބައެއް ގައުމުތަކަށް ދެމުންނެވެ.
މިހާތަނަށް އިންޑިއާއިން ވަނީ ވެކްސިންގެ 22.9 މިލިއަން ޑޯޒް އެގައުމުން ކުރިއަށް ގެންދާ ‘ވެކްސިން ފްރެންޑްޝިޕް’ ޕްރޮގްރާމްގެ ދަށުން އެކި ގައުމުތަކަށް ފޯރުކޮށްދީފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޑޮމިނިކަން ރިޕަބްލިކްގެ އިންޓީރިއާ މިނިސްޓަރު ބުނެފައިވަނީ އިންޑިއާއިން އެގައުމަށް 30,000 ވެކްސިން ޑޯޒު ފޯރުކޮށްދީފައިވާ ކަމަށެވެ. އެއީ އެގައުމުން ހަދިޔާ ކުރަން ބުނެފައިވާ 70،000 ވެކްސިން ޑޯޒުގެ އެއްބައެވެ. މީގެ އިތުރުން އިންޑިއާއިން ވަނީ ބާބަޑޮސް އަށްވެސް 10،000 ޑޯޒު ވެކްސިން ފޯރުކޮށްދީފައެވެ.
ކޮވިޝީލްޑް އުފައްދާފައިވާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓަކީ މުޅި ދުނިޔެއިންވެސް އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދަމުން އަންނަ އެއް ކުންފުންޏެވެ. އެގައުމުން ވެކްސިން އުފައްދަމުން އަންނަނީ އެސްޓްރަޒެނެކާއާ ގުޅިގެންނެވެ.

