ޚަބަރު

އެއްވެސް ލިޔެކިޔުމެއްނެތި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންވެސް ވެކްސިންޖަހަށް ރަޖިސްޓްރީވުމަށް އެދެފި

ރާއްޖޭގައި ވޯކްޕަރމިޓްގައި މަސައްކަތްކުރާ ބިދޭސީންނެކޭ އެއްފަދައިން ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދާ ބިދޭސީންނަށްވެސް ވެކްސިން ދިނުމުގެ އިންތިޒާމް ހަމަޖެއްސައި އެމީހުންވެސް ރެޖިސްޓަރ ވުމަށް އެދެފިއެވެ.

އެޗްޕީއޭއާއި ގުޅިގެން މިކަން އިންތިޒާމް ކުރަނީ ދިވެހި ރެޑްކްރެސެންޓުންނެވެ. ދިވެހި ރެޑްކްރެސެންޓުންވަނީ ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށްޓަކައި އެޕޮއިންޓްމަންޓް ހެދުމަށް 3307665 ގުޅުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ވޯކްޕަރމިޓްގައި މަސައްކަތްކުރާ ބިދޭސީންނެކޭ އެއްފަދައިން ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދާ ބިދޭސީންނަށްވެސް ވެކްސިން ދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިންވެސް ރެޑްކްރެސެންޓުން ވަނީ ބުނެފައެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރާ އާބާދީއަކީވެސް ނިސްބަތުން ގިނަ އާބާދީއެއްކަމުން، އެ ފަރާތްތަކަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ދިވެހި ރެޑް ކްރެސެންޓުގެ ބެނިފިޝަރީ ސިސްޓަމްގައި އެފަރާތްތައް ރަޖިސްޓްރީކޮށްގެންނެވެ. އަދި މިކަން ކުރުމުގައި މައިގަނޑު ވިސްނުމަކީ އެޕޮއިންޓްމަންޓް އުޞޫލުން ދުވާލަކު 250 މީހުން ރަޖިސްޓްރީކުރުން ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ. އަދި ޑޮކިއުމެންޓޭޝަން ނެތި އުޅޭ ފަރާތްތަކަށް ބިދޭސީން ގެންގުޅޭ ކުންފުނިތައް މެދުވެރިކޮށްވެސް ރަޖިސްޓްރީވެ ވެކްސިން ޖެހޭނެ ކަމަށް ރެޑްކްރެސެންޓުން މަޢުލޫމާތުދެއެވެ.

ރެޑް ކްރެސެންޓުން އަންނަނީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ރަޖިސްޓްރޭޝަންގެ ކަންކަމާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅެމުން އަންނައިރު އޭގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބީދޭސީންވެސް އުޅެއެވެ. އަދި މިފަދަ މީހުން ޤައުމަށް ފޮނުވާލުމަށާއި ޤަވާއިދާ ޚިލާފަށް އުޅޭ މީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close