ޚަބަރު

އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޖަމާޢަތް ހެދުން މެދުކަނޑާލުން އިތުރު ހަފްތާއަކަށް ދަންމާލައިފި

ކޮވިޑް- 19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޖަމާޢަތް ހެދުން މެދުކަނޑާލުން އިތުރު ހަފްތާއަކަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ސާރކިއުލަރއެއްގައި ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގެ މިސްކިތްތަކުގައި

ޖަމާޢަތް ހެދުން އިތުރު ހަފްތާއަކަށް މެދުކަނޑާލީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް (ނޮވެލް ކޮރޯނާ ވައިރަސް) އައްޑޫ ސިޓީން ފެނި، އައްޑޫ ސިޓީ މޮނިޓަރިންގ ޙާލަތަށް ގެނެވިފައިވާތީއާއި، ޙާލަތު އިތުރަށް ގޯސްވަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދެއްވާފައިވާތީކަމަށެވެ.

އެގޮތުން މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 17 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެރޭ މަޣްރިބް ނަމާދުން ފެށިގެން 23 ފެބުރުވަރީ 2021 ވާ އަންގާރަ ދުވަހުގެ ޢިޝާ ނަމާދުގެ ނިޔަލަށް، އައްޑޫސިޓީގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާޢަތް ނުހެދުމަށް އެމިނިސްޓްރީން ވަނީ ދަންނަވާފައެވެ.

އިސްލާމިކް ވަނީ މިޙާލަތުގައި އައްޑޫ ސިޓީގެ މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށް އަންގާފައެވެ. އަދި މި ދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދުނުކުރި ނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރައްވާފައިވެއެވެ.

މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށާއި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި، ފުރިހަމައަށް ﷲއަށް ވަކީލުކޮށް އުޅުމަށްވެސް އެމިނިސްޓްރީން ވަނީ ނަޞޭޙަތްތެރިވެފައެވެ.

އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޖަމާޢަތް ހެދުން މެދުކަނޑާލައިފައިވައިރު، ކޮވިޑާއި ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު އެއް ހަފްތާއަށް ހެލްތް ޕްރޮތެކްޝަން އެޖެންސީ އިން ވަނީ އިތުރު ކޮށްފައެވެ.

އައްޑޫ ސިޓީހައި މިހާތަނަށް ޖުމަލް 63 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެގޮތުން މިއަދުވެސް ވަނީ އެސިޓީ އެކަކު ޕޮޒިޓިވް ވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close